އައިފޯން 15 ސީރީޒްގައި ހިމެނޭ ދެ މޮޑެލްއެއް މާ ބޮޑަށް ހޫނުވުމާ މައްސަލަ ފެންމަތިވުމާ ގުޅިގެން އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެ ކުންފުންޏާ ހަވާލާދީ ފޯބްސް އިން ރިޕޯޓްކޮށްފައިވާ އައިފޯން 15 ޕްރޯ އާއި ޕްރޯ މެކްސް އެހާ ބޮޑަށް ހޫނުވަނީ އޭގެ ޑިޒައިނާއި ފޯނުގެ ކަވަރުގައި ބޭނުންކޮށްފައިވާ މެޓީރިއަލްގެ ސަބަބަކުންނެއް ނޫނެވެ. އަދި މި މައްސަލަ ދިމާވަނީ އެންމެ ފަހުން ނެރުނު އައިއޯއެސް 17 އެކުލެވޭ ބަގެއްގެ އިތުރުން ތާޑް-ޕާޓީ ބައެއް އެޕްތަކުގެ ސަބަބުންނެވެ. އޭގެ ތެރޭގައި މެޓަގެ އިންސްޓަގްރާމްގެ އިތުރުން އޫބާ އާއި އަސްފަލްޓް 9 ފަދަ އެޕްތަކުގައި ހުރި ބައެއް މައްސަލަތައް ހިމެނެ އެވެ.
އެގޮތުން އިންސްޓަގްރާމަށް އެންމެ ފަހުން ގެނައި އަޕްޑޭޓާ އެކީ އެ އެޕްގެ ސަބަބުން އައިފޯން 15 އަށް ދެން އެއްވެސް މައްސަލައެއް ދިމާވުމުގެ ފުރުސަތު ކުޑަ ކަމަށް މީޑިއާތަކުން ބުނެ އެވެ.
އެޕަލް އިން ބުނެފައިވާ ގޮތުގައި މިހާރު އަންނަނީ ތާޑް-ޕާޓީ އެޕް ޑިވެލޮޕަރުންނާ ވާހަކަ ދައްކައިގެން އެޕްތަކުގެ އެންމެ ފަހުގެ ސޮފްޓްވެއާ އަޕްޑޭޓްތަކާ އެކީ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުންނެވެ. އެހެންވެ ވަރަށް އަވަހަށް އައިފޯން 15 ޕްރޯ އާއި ޕްރޯ މެކްސް ހޫނުވާ މައްސަލަ ހައްލުވެގެން ދާނެ އެވެ.
އައިފޯން 15 ސީރީޒް ދައްކައިލީ މިދިޔަ މަހުގެ 12 ގަ އެވެ. އޭގެ ހަތަރު މޮޑެލްއެއް ހިމެނެ އެވެ. އެއީ އައިފޯން 15 ޕްލަސް، އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އެވެ. މީގެ އަގުތައް އުޅެނީ 799-1،599 ޑޮލަރާ ދެމެދުގަ އެވެ.