Last Updated: November 29, 05:56
Friday, November 29, 2024
ޚަބަރު

ޖަވާބުދާރީ ނުވޭވޭނެ ކަމެއް ނޯންނާނެ: ރައީސް

ރައީސް ސާލިޙް / ފޮޓޯ؛ ރައީސް އޮފީސް

ވެރިކަމުގެ ފަސް އަހަރުގެ ދައުރު ތެރޭ ޖަވާބުދާރީ ނުވެވޭނެ އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ ކަމަށް ރައީސުލްޖުމުހޫއްރީއްޔާ އިބްރާޙިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ލިބިވަޑައިގެންނެވި ނާކަމިޔާބީއަށް ފަހު، މިއަދު ނޫސްވެރިންނާއި އެމަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި، އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ތެރެއިން ކުރެވިފައިވާ ކަމަކަށް ތަހުޤީޤުކޮށް ޖަލަށް ގެންދާ ހިސާބަށް ކަންތައް ގޮސްފިނަމަ އެކަމާއި ޑީލް ކުރައްވާނެ ގޮތް ނޫސްވެރިއަކު ވަނީ ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ސާލިޙް ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގެ ތެރޭގައި ހުރިހާ ކަމެއްވެސް އަދި އެއްބަސްވުންތައް ވެސް ހެދިފައި އޮންނާނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށެވެ. އަދި އެމަނިކުފާނު ހުންނެވީ ހުރިހާ ކަމަކަށްވެސް ޖަވާބުދާރީ ވާން ތައްޔާރަށް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑަށް ޖަވާބުދާރީ ނުވެވޭ ވަކި ކަމެއް ނޯންނާނެ. އަޅުގަނޑު މިހިރީ ތައްޔާރަށް ޖަވާބުދާރީވާން. އަޅުގަނޑާއި ދޭތެރޭ މައްސަލައެއް ޖެއްސޭ ވަރުގެ ކަމެއް ނޯންނާނެ. ވަރަށް ސާފުކޮށް މިދެންނެވީ. އަޅުގަނޑަށް ކުރިމަތިލެވޭނެ ހުރިހާ ކަމަކާވެސް. " ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ވެރިކަމުގެ ދައުރަށް ފަހު ޤައުމުން ބޭރަށް ދިރިއުޅުން ބަދަލު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގައި ދިރިއުޅުއްވާނެ ކަމަށާއި އުޅުއްވާނީ މާލޭގައި ނޫނީ ރަށުގައި ކަމަށް ވިދާޅުވިއެވެ. އަދި މިވަގުތު މަސައްކަތް ކުރަމުންދަނީ އެމްޑީޕީ ވަރުގަދަ އޮޕަޒިޝަނެއް ތިބުމަށް ކަމަށް ވިދާޅުވިއެވެ.

އެހެން ކަމުން ސިޔާސީ ކުރިމަގުގައިވެސް ދެމި ހުންނަވާނީ އެމްޑީޕީއާއި އެކުގައި ކަމަށް ވިދާޅުވިއެވެ.