ތިލަމާލެ ބްރިޖް މަސައްކަތް ނިންމުނު ނަމަ ރިޔާސީ އިންތިހާބު ނަތީޖާއަށް ހެޔޮ އަސަރެއް ކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނާއި އެކު ބޭއްވި ބައްދަލުވުމުގައި އެމަނިކުފާނު މިހެން ވިދާޅުވީ، މިކަމާއި ގުޅިގެން އެމަނިކުފާނާއި ނޫސްވެރިއަކު ސުވާލު ކުރެއްވުމުންނެވެ. އެމަނިކުފާނު ވިދާޅުވީ ބްރިޖް މަސައްކަތް ލަސްވެގެން ދިޔައީ ގިނަ ޓެކްނިކަލް މައްސަލަތަކާއި ހެދީ ކަމަށެވެ.
"އެކަން ކުރެވުނު ނަމަ، އަޅުގަނޑުމެން މި އިންތިހާބަށްވެސް ނަތީގެ ހެޔޮ އަސަރެއް ކުރީސްކަން އަޅުގަނޑަށް ފާހަގަ ކުރެވޭ. އެހެންނަމަވެސް ޓެކްނިކަލް އެތައް މައްސަލައަކާއި ހެދީ އެކަން ލަސްވެގެން ދިޔަކަން އަޅުގަނޑަށް ފާހަގަ ކުރެވެނީ" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުނާމާގައި ހުރި ކަންކަމުގެ ތެރެއިން 90 މަސައްކަތް ފެށިފައިވާކަން ހާމަކޮށްފައެވެ. އަދި އެ މަސައްކަތް އަންނަ ސަރުކާރެއްގައި ނުހުއްޓި ކުރިއަށް ގެންދަވާނެ ކަމަށް އުއްމީދު ކުރއްވާ ކަމަށް ވިދާޅުވިއެވެ. އަދި އެކަމަށް މަޝްވަރާވެސް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު އޮތީ އައު ސަރުކާރުގެ ކިބައިން އެދޭ ދެ ކަމެއް. އެއް ކަމަކީ ހެޔޮވެރިކަމެއް. އަނެއް ކަމަކީ ރައްޔިތުންގެ އަދި މި ޤައުމުގެ ތަރައްޤީއަށް އަޅުގަނޑުމެން ފަށާފައި ހުރި މަސައްކަތް ކުރިއަށް ގެންގޮސް ދެއްވުން" ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ މި ދައުރު ނިމިގެން ދާއިރު އެމަނިކުފާނަށް ހެޔޮވެރިކަމެއް ކުރެވުނު ކަމުގެ އިހުސާސް ކުރެވޭ ކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެމަސައްކަތް ރައްޔިތުންނަށް ފެނިގެންދާނެ ކަމަށް ވިދާޅުވިއެވެ.