Last Updated: November 29, 05:56
Friday, November 29, 2024
ޚަބަރު

އަވަސް އަރުވާލައިގެން ބޮންޑެއް ނުވިއްކަން: އެމްޓީސީސީ

އާދަމް އާޒިމް، ފޮޓޯ: ރައީސް އޮފީސް

އެމްޓީސީސީން ކެޕިޓަލް ރެއިޒް ކުރުމަށް ވިއްކަން މަސައްކަތް ކުރާ ބޮނޑަކީ އަވަސް އަރުވާލައިގެން ކުރާ ކަމެއް ނޫން ކަމަށާއި، އެކަމަކީ ވޭތުވެ ދިޔަ 7 މަހުގެ މަސައްކަތުން ކުރާ ކަމެއް ކަމަށް އެކުންފުނިން ބުނެފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން މިހެން ބުނެފައި މިވަނީ، ވެރިކަން ބަދަލުވުމުގެ އިންތިޤާލީ މަރުހަލާ ތެރޭ އަވަސް އަރުވާލައިގެން ބޮނޑެއް ވިއްކާ ކަމަށް ބުނެ ރާއްޖޭގެ ނޫހަކުން ރިޕޯޓް ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން އަވަސް އަރުވާލައިގެން ބޮޑު އިންޓްރެސްޓެއްގައި 300 މިލިއަނުގެ ބޮންޑެއް ވިއްކާ ކަމަށް ސުރުޙީ ވަނީ އަޅާފައެވެ.

އެކުންފުނިން މިކަން ދޮގުކޮށް ނެރުނު ނޫސް ބަޔާނުގައި ވަނީ މި މަސައްކަތަކީ އަވަސް އަރުވާލައިގެން ކުރެވުނު މަސައްކަތެއް ނޫންކަން ހާމަކޮށްފައެވެ. އެގޮތުން ބޮންޑެއް ވިއްކަން ނިންމާފައިވަނީ އެކުންފުނީގެ މަޝްރޫޢޫތައް އަވަސް ކުރުމަށް ބޭނުންވާ ވޯކިން ކެޕިޓަލްއާއި މެޝިނަރީތަކުގެ އިތުރުން މެޓީރިއަލް ގަތުމަށް ކަމަށް އެކުންފުނިން ބުނެއެވެ. މީގެ އިތުރުން މި ބޮންޑަކީ މިވަގުތު ރާއްޖޭގައި ކޮމާޝަލް ބޮރޯވިންގް އިންޓްރެސް ރޭޓާއި އަޅައި ބަލާއިރު ކުޑަ އަދަދެއްކަން ވަނީ ފާހަގަކޮށްފައެވެ. އެމްޓީސީސީގެ ބޮންޑު ވިއްކަނީ 9.5 އިންސައްތައިގެ ރޭޓެއްގައެވެ.

މީގެ އިތުރުން މިކަމަކީ އަވަސް އަރުވާލާފައިވާ ކަމެއް ނޫންކަން ހާމަކުރުމަށް މިމަސައްކަތް ކޮށްފައިވާ ގޮތުގެ ޓައިމްލައިންއެއް އެކުންފުނިން ވަނީ އާންމުކޮށްފައެވެ. އެގޮތުން ޕްރައިވެޓް އިންވެސްޓަރުން މެދުވެރިކޮށް ފައިނޭންސް ރެއިޒް ކުރުމަށް ބޮންޑެއް ވިއްކުމަށް ނިންމީ، މިދިޔަ މާރިޗު މަހު ކުންފުނީގެ ބޯޑުންކަން ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ބޮންޑަކީ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީން ރެގިއުލޭޓް ކުރާ އެއްޗެއް ކަމުން، މި ބޮނޑު ވިޔަނަ ޕޯޓަލްގައި ރެޖިސްޓަރކޮށް ބޮންޑާއި ގުޅޭ ހުރިހާ މައުލޫމާތެއް އާންމުކޮށް ފެންނަން ހުންނާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

މި ބޮންޑު ވިއްކުމުގެ ހުއްދަ ސީއެމްޑީއޭއީން ދީފައިވަނީ މިދިޔަ މަހުގެ 14 ގައެވެ. އަދި މޯލްޑިސް ސްޓޮކް އެކްސްޗޭންޖުގެ ބޮންޑު ލިސްޓު ކުރުމަށް ހުއްދަ ދިނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ވަނީ ކުންފުންޏާއި ބެހޭގޮތުން މިފަދަ ގޮތަކަށް ހަބަރު ފަތުރާފައިވަނީ ކުންފުންޏާއި ކުންފުނީގެ ވެރިން އަދި މުވައްޒަފުންނަށް ރައްޔިތުންގެ މެދުގައި އޮތް ލޯތްބާއި އިތުބާރު ފުނޑާލުމުގެ ނިޔަތުގައި ކަމަށެވެ. އަދި ކުންފުންޏާއި ކުންފުނީގެ ހިއްސާދާރުން ބަދުނާމުވާ ގޮތަށް މިގޮތަށް ހަބަރު ނުފެތުރުމަށް އެކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މިއީ ޒާތީ ތަޢައްސަބު އިސްކޮށް ސިޔާސީ މަންފާއެއް ހޯދުމަށް ކޮށްފައިވާ ޢަމަލެއްގެ ގޮތުގައި އެކުންފުނިން މިކަން ސިފަކުރެއެވެ.