ރިޔާސީ އިންތިހާބުގެ ތެރެއިން ސޯޝަލް މީޑިއާގައި ރައީސްއާއި ދެކޮޅަށް ރާވައިގެން ދޮގު މައުލޫމާތު ފެތުރުމުގެ ބޮޑު ކެމްޕެއިނެއް ހިންގާފައިވާ ކަމަށް ޔޫރަޕިއަން ޔޫނިއަންއިން އައި އޮބްޒާވަރުން ބުނެފިއެވެ.
ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ދައުވަތު ލިބިގެން އައި ޔޫރަޕިއަން ޔޫނިއަންގެ ފަރާތްތަކުން އިންތިހާބުގެ ކަންކަން މޮނީޓަރކޮށް ވަރަށް ގާތުން ވަނީ ބަލާފައެވެ. އެގޮތުން އިންތިހާބުގެ އިންތިޒާމުތަކުން ފެށިގެން ކެމްޕެއިން ހަރަކާތްތަކާއި، ސޯޝަލް މީޑިއާގައި ދައުރުވި ޕޯސްޓުތަކާއި، އަދި ޙަބަރާއި މައުލޫމާތު ކެނޑިޑޭޓުންނާއި އަދި ކެމްޕެއިނާއި ގުޅޭގޮތުން ގެނެސްދީފައިވާ ގޮތް ވަނީ ތަފްސީލީ ގޮތެއްގައި ބަލާފައެވެ. އެގޮތުން މީޑިއާތަކުން ކެނޑިޑޭޓުންނަށް ވަގުތު ދިން މިންވަރާއި ކެނޑީޑޭޓުން ޙަބަރުތައް ގެނެސްދީފައިވާ ގޮތް ވަނީ ބަލާފައެވެ.
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން ފުރިހަމަ ރިޕޯޓެއް އަންނަ ޖެނުއަރީ މަހު ޝާޢިއު ކުރާނެ ކަމަށް އީޔޫ އޮބްޒާވަރުންގެ ޓީމުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އިންތިހާބު ދެވަނަ ބުރު ނިންމާލުމަށް ފަހު އިބްތިދާޢީ ރިޕޯޓެއް ވަނީ ޝާއިއުކޮށްފައެވެ.
އީޔޫގެ އިބްތިދާޢީ ރިޕޯޓުގައި، މުޅި އިންތިހާބުގެ އިންތިޒާމުތައް ޖުމްލަ ގޮތެއްގައި ފުރިހަމަކަމަށް ވަނީ ބުނެފައެވެ. އެގޮތުން އިންތިހާބުގެ ވޯޓުލުމުން ފެށިގެން ގުނުމާއި އަދި އޭގެ ކުރިން ކުރެވުނު މަސައްކަތްވެސް އިލެކްޝަންސް ކޮމިޝަނުން ފުރިހަމައަށް ކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.
Press Conference held in Malé, 02 October 2023: 🇪🇺 #EUEOM2023mv Chief Observer @NachoSAmor presented the Preliminary Statement for run-off Presidential Election 2023 🇲🇻 🗳️
🔗Press Release https://t.co/3jiACNpBA0
🔗Preliminary Statement https://t.co/4gBUgsFGrB pic.twitter.com/7ToXhNEZzn— EUEOMMaldives2023 (@eueommaldives23) October 2, 2023
ނަމަވެސް އިންތިހާބުގެ ތެރެއިން އޮންލައިކޮށް ދޮގު މައުލޫމާތު ފެތުރުމުގެ ބޮޑު ކެމްޕެއިނެއް ހިންގާފައިވާކަން އީޔޫއިން ފާހަގަ ކުރެއެވެ. މިކަން ބެލުމަށް ސޯޝަލް މީޑިއާގައި ސެޕްޓެމްބަރު 10 އާއި 29 އާއި ދެމެދު ކުރެވިފައިވާ 3731 ޕޯސްޓެއް ވަނީ ދިރާސާކޮށްފައެވެ. އޭގެ ތެރޭގައި ފޮޓޯ، ވީޑިއޯ އަދި ލައިވްތައް ހިމެނެއެވެ.
"އޮންލައިންކޮށް ހިންގާ ނޫހެއް ކަމަށްވާ ދިޔަރެސްއިން މިހާރުގެ ހުންނެވި ރައީސްއާއި ދެކޮޅަށް ރޭވިގެން ދޮގު މައުލޫމާތުގެ ކެމްޕެއިނެއް ހިންގާފައިވާކަން ފާހަގަ ކުރެވުނުއެވެ. ބައެއް ސޯޝަލް މިޑީއާ އިންފްލުއެންސަރުން އެކްސް/ޓްވިޓަރގައި އޮޅުން އަރާފަދަ ގޮތަކަށް ޕޯލްތަކާއި ދޮގު މައުލޫމާތު ފެތުރިކަން ފާހަގަ ކުރެވުނެވެ." އީޔޫގެ ރިޕޯޓުގައި ވެއެވެ.
މީގެ އިތުރުން އިންތިހާބުގެ ތެރެއިން މިޑީއާ ހަރަކާތްތަކަށް ބަލާއިރު، އަމިއްލަ މީޑިއާތަކުން އެ ފަރާތެއް ބުރަވާ ކެނޑީޑޭޓެއްގެ ފަހަތަށް އަރައި ބޮޑު ކަވަރޭޖެއް ދިންކަން ފާހަގަ ކުރިއެވެ. މިގޮތުން ރާއްޖެ ޓީވީން އިދިކޮޅު ކެނޑިޑޭޓާއި މެދު ނުރަނގަޅު ތަޞައްވަރެއް ދެއްކުމަށް ޙަބަރު ގެނެސްދިން އިރު، ޗެނަލް 13 އިން ސަރުކާރާއި ދެމެދު ނުރަނގަޅު ތަޞައްވަރެއް ދެއްކުމަށް މަސައްކަތް ކުރިކަން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ދައުލަތުގެ މީޑިއާއިންވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިޙްއަށް ބޮޑަށް ބުރަވެ، ޙަބަރުތަކުގެ 64 އިންސައްތަ ސަރުކާރުގެ ކެމްޕެއިން ހަރަކާތްތައް ކަވަރ ކޮށްފައިވާއިރު އިދިކޮޅު ކެނޑިޑޭޓުގެ ޙަބަރުތައް ކަވަރ ކޮށްފައިވަނީ 36 އިންސައްތަ ކަމަށް ވަނީ ބުނެފައެވެ.
އިންތިހާބުގެ ތެރޭގައި އެންމެ ގިނައިން އޮޅުވާލުމާއި ދޮގު މައުލޫމާތު ފެތުރުމަށް ބޭނުން ކޮށްފައިވަނީ ފޭސްބުކް އަދި ޓްވިޓަރ ކަމަށް އީޔޫން ފާހަގަ ކުރެއެވެ. އެގޮތުން ދެވަނަ ބުރުގައި ޕީޕީއެމް/ޕީއެންސީ ގުޅޭ ޕޭޖުތަކާއި އެކައުންޓުތަކުން 500 ޑޮލަރު ފޭސްބުކް އިސްތިހާރަށް ޙަރަދު ކުރިކަމަށް ދައްކައެވެ. އޭގެ ބަދަލުގައި ދެވަނަ ބުރުގައި އެމްޑީޕީ އާއި ގުޅޭ ޕޭޖުތަކުން ޙަރަދު ކޮށްފައިވަނީ 150 ވަރަކަށް ޑޮލަރު ކަމަށް އީޔޫން ބުނެއެވެ. މިއީ ފުރަތަމަ ބުރާއި އަޅާ ބަލާ ބޮޑުތަނުން ދަށް އަދަދެކެެވެ.
އީޔޫ ރިޕޯޓުގައި ވަނީ ދީނީ ޢިލްމުވެރިން ދެ ޕާޓީންވެސް ބޭނުންކޮށްފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން އެ ފަރާތްތަކުގެ ޚިޔާލުތައް ގެނެސްދީ އެ ފަރާތްތަކުގެ ވާހަކަތައް އިތުރަށް ވަނީ ޕްރޮމޯޓްކޮށްފައެވެ.