ރާއްޖޭގެ ސިޔާސީ ކުރިމަގު ބައްޓަން ކުރާ ނަމަ ސުވާލަކީ މިހާރު މި އެވެ؛ މިކަމުގައި ކޮންމެހެން ކުރީގެ ރައީސް މުހައްމަދުގެ ބައިވެރިވުމެއް ބޭނުންވޭ ހެއްޔެވެ؟ މަޖިލީހުގެ ރައީސްގެ މަގާމުގައި މިހާރު ހުންނެވި ނަޝީދު އެމްޑީޕީއާ ދޭތެރޭ މި ފަހުން ކަންތައް ކުރި ގޮތުން ހަގީގަތުގައި ރާއްޖޭގެ އެންމެ ބޮޑު ޕާޓީ ދެން ކުރިއަށް ދާންވީ ނަޝީދާ ނުލައިކަން ވަރަށް ސާފެވެ.
ރިޔާސީ ޓިކެޓް ލިބިވަޑައިނަތުމުން "ޖެއްސެވި ވައްތަރާ" އެކީ ދެން އުފެއްދެވީ އެމްޑީޕީގެ ބަޔަކު ގޮވައިގެން އާ ޕާޓީއެކެވެ. އެގޮތުން ދަ ޑިމޮކްރެޓްސްގެ ނަމުގައި އުފެއްދި ޕާޓީން ކެންޑިޑޭޓް ނެރެގެން 15،000 އެއްހާ ވޯޓް ހޯދި އެވެ. މި ފަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ގެއްލުނު ގޮތަށް ބަލާ އިރު، މިކަމުގައި ނަޝީދުގެ ޒިންމާ ވަރަށް ބޮޑެވެ.
އެ ޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް އުޅުއްވި އަދި ޕާޓީގެ އިސް މަގާމުތަކެއްގެ ފުރުއްވި ބޭފުޅެއްގެ ހައިސިއްޔަތުން ނަޝީދު ފާހަގަކުރެވުނީ އަމިއްލަ އެދުމާއި މަސްލަހަތާ ހެދި އެމްޑީޕީ "ފުނޑާލި" ބޭފުޅެއްގެ ގޮތުގަ އެވެ. އެމްޑީޕީ "ގަނޑުބަނޑުކޮށްލުމު" ގެ މަސައްކަތް ނަޝީދު ފެއްޓެވި އިރު އަދި އެ ޕާޓީ ދޫކޮށްލެއްވި އިރު ވެސް ހުންނެވީ ޕާޓީގެ ރައީސްގެ މަގާމުގަ އެވެ.
ސިޔާސީ ގޮތުން ނަޝީދަށް މިހާރު ރާއްޖޭގައި ނުހޯދޭ ބޮޑު މަގާމެއް ނެތެވެ. އެކަމަކު އަދިވެސް އަމިއްލަ އެދުމާ ހެދި އެވެ. އެހެން ނޫން ނަމަ ރިޔާސީ އިންތިހާބު ބޯމަތިވެފައި އޮއްވައި މި އަހަރު އެމްޑީޕީ "ރޫޅައިނުލީ" ހެވެ. ނަޝީދުގެ އަމަލުތަކުން ފެންނަނީ ޕާޓީ އަށް ހިޔާނާތްތެރިވުމާއި ބޭވަފާތެރިކަމެވެ.
ގާތް އެކުވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމާއި އެ މަނިކުފާނު ދެވަނަ ދައުރަކަށް ވާދަކުރަން ނިންމުން ނަޝީދަށް ހަޖަމުކުރެއްވޭ ގޮތެއް ނުވި އެވެ. އެހެންވެ މާ ކުރިން ވެސް ގެންދެވީ ސަރުކާރު ކޮންޓްރޯލް ކުރުމުގެ ބޮޑު ބާރެއް، މަގާމެއް ފަހިވޭތީ މަސައްކަތް ކުރައްވައި އެކަމަށް ވަކާލާތު ކުރައްވަމުންނެވެ. އެއީ ރާއްޖެ އަށް ރިޔާސީ ނިޒާމު ކަމުނުދާކަން ދައްކަވަން މަސައްކަތް ކުރައްވައި، ބަރުލަމާނީ ނިޒާމަށް ވެރިކަން ފުރޮޅާލުމެވެ. މިކަމުގެ ހަގީގީ ބޭނުމަކަށް އަދި މައިގަނޑު މަގުސަދަކަށްވެފަ އޮތީ ބޮޑުވަޒީރަކަށް ވެވަޑައުގަތުމެވެ.
އެހެންވެ ނިޒާމީ ވޯޓެއްގެ ޕްރެޝަރު ނަޝީދު ގެންދެވި އެމްޕީޑީ އަށް ކުރިމަތިކުރަމުންނެވެ. މިދިޔަ އަހަރު ބޭއްވި އެ ޕާޓީގެ ކޮންގްރެސްއާ ދިމާކޮށާއި ކޮންގްރެސްގެ ތެރެއިން ވެސް ނަޝީދުގެ އަމިއްލަ ކުޅިގަނޑު ފެނިގެން ގޮސްފައިވެ އެވެ. ރާއްޖޭގައި ރިޔާސީ ނިޒާމު އޮވެގެން ކަންބޮޑުވެން އެ ވާހަކަ ދައްކާ ސިޔާސީ ވެރިންނެއް އަދި ހަގީގަތުގައި އާންމު ރައްޔިތުންނެއް ވެސް ނެތެވެ.
މިކަން މައްސަލައަކަށްވެގެން އުޅެނީ ހަމައެކަނި ނަޝީދަށެވެ. އެހެންވ "ތަސްބީހައެއްހެން" ނިޒާމީ ވޯޓެއްގެ ވާހަކަ ނަޝީދު ދެއްކެވިޔަސް އެއީ ފެންނަ މަންޒަރުތަކަށް ބަލާ އިރު ވާނެ ކަމެއް ނޫނެވެ. ރިޔާސީ އިންތިހާބު އެމްޑީޕީ އަށް ގެއްލުގެ ނަތީޖާއާ އެކީ ވެސް ދެން މިކަން މި ވަގުތަށް "ވަޅުލެވުނީ" ކަމަށް ބަލަމާ ހިނގާށެވެ.
ނަޝީދު ބޭނުންވާ ގޮތެއް ހޯދައި ދިނުމުގެ ގޮތުން ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދެއްކޮށްފައި "ބޭކާރު" ވޯޓެއް ނެގުމުގެ އެއްވެސް މާނައެއް ނެތެވެ.
ހަގީގަތުގައި މިހާރުގެ ރާއްޖޭގެ ސިޔާސީ ޕާޓީތަކާއި ސިޔާސީ ވެރިން މަސައްކަތް ކުރަންވީ ނަޝީދާ ނުލައި ސިޔާސީ ކުރިމަގު ރޭވުމަށެވެ. ނަޝީދަކީ އެއްވެސް ބަޔަކަށް އޮތް ރަނގަޅެއް، ހައްލެއް ނޫނެވެ. އެމްޑީޕި އަަށް ޖެއްސި ހާލުން އެ ބޮޑު މަންޒަރު އެ އޮތީ ސާފުކޮށް ފެންނާށެވެ.
ނަޝީދު "މާ ބޮޑާވެފައި" ކަރަށް ނާރުއަރާ ވަރަށް "ރޫލައިލާނަމޭ" ތަކުރާރުކޮށް ވިދާޅުވި ވިދާޅުން އެއީ ހަގީގަތުގައި ހުތުރު، ހަޑި އަމަލެކެވެ. ވާހަކައެކެވެ. މިއީ ސިޔާސީ ޕާޓިއަކަށް އެ ޕާޓީއެއްގެ އިސްވެރިއަކު ދެއްވާނެ އެންމެ ބޮޑު ގެއްލުމެވެ. އެހެންވެ ނޫން ނަމަ މި އަހަރުގެ ރިޔާސީ އިންތިހާބަކީ ވަރަށް ފަސޭހަކޮށް، އެމްޑީޕީ އަށް ކާމިޔާބު ކުރެވެން އޮތް އިންތިހާބެކެވެ.
އެންމެން އެކީގައި ގުޅިގެން މަސައްކަތްކުރި ނަމަ އެމްޑީޕީ މަގުމަތި ނުވީހެވެ. އެކަމަކު މިހާރު މި ޖެހުނީ ކޮންތާކު ހެއްޔެވެ؟ އެމްޑީޕީގެ އިތުރުން ނަޝީދުގެ ދަ ޑިމޮކްރެޓްސް ވެސް މަގުމަތިވީ ނޫން ހެއްޔެވެ؟
އެކަމަކު އިންތިހާބުގެ ނަތީޖާ އަށް ފަހު ނަޝީދު އަނެއްކާ ވެސް މި ވަނީ ރާގު ބަދަލުކުރައްވައިފަ އެވެ. މިހާރު ދައްކަވާ އެއް ވާހަކަ އަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ދެބައިކުޅަ އެއްބައި ތާއީދުކުރާ ނަމަ ޕާޓީ އަށް އަލުން ރުޖޫއަވެވަޑައިގަންނަވަން ބޭނުންވާ ވާހަކަ އެވެ.
ނަޝީދުގެ މި ވާހަކައާ އެކީ އެމްޑީޕީ ވަރަށް ބޮޑަށް ފާރަވެރިވެ، ސީރިއަސްކޮށް އެ ވާހަކައާ މެދު ވިސްނައިލަން ޖެހެ އެވެ. ތިލަކޮށް ބުނާ ނަމަ ބުނެވެން އޮތީ ނަޝީދަކީ އެއްވެސް ބަޔަކު "ކައިރި ކުރަން ހޮޔޮވާރުގެ މީހެއް ނޫނޭ" އެވެ. އެމްޑީޕީ އަށް މި ފަހަރު މި ދިން ގެއްލުމާ އެކީ ވެސް ނަޝީދާ މެދު އެ ޕާޓީން ވަރަށް ފުންކޮށް ވިސްނަން ޖެހެ އެވެ.
ޕާޓީގެ ބައެއް އިސް ބޭފުޅުން ވެސް މިހާރު ގެންދަވަނީ ނަޝީދުގެ އެ ވާހަކަ ނުހެއްލޭނެ ކަމަށް ވިދާޅުވަމުންނެވެ. އަލަށް އިންތިހާބުވެވަޑައިގަތް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ނަޝީދުގެ ޑިމޮކްރެޓްސް އިން ގުޅޭނެ ކަމަށް އެ ޕާޓީގެ އިސްވެރިން މިހާރު ވިދާޅުވަމުން ގެންދަވާ އިރު، އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވެސް މި މީހުންނާ މެދު ސަމާލުވުން ވަރަށް ބުއްދިވެރި އެވެ. އަނެއްކޮޅުން އެ ޕާޓީން އެ ދައްކާ ވާހަކަ އަކީ އެ ކޯލިޝަނުން ދެނަހުރި ކަމަކަށެއް ވެސް ނުވެ އެވެ.
“MDP Qaumee Majlis ge 50% thaaidhu oia nama alhugadu MDP aai gulhen thahyaaru” Raees Nasheed MDP ge CP @faya_i ah fonuvi msg eh. GM enmen thaaeedhu kuriyas Alhugandu thaaeedheh nukuraanan
— Ibrahim Waheed (@ibreys) October 1, 2023
ނަޝީދާއި އޭނަ "ތަބާވެގެން" އުޅޭ މީހުންނާ މެދު ސިހާސީ ހުރިހާ ބަޔަކު ވެސް ވަރަށް ސަމާލުވާން ޖެހެ އެވެ.
އެމްޑީޕީ ދެން ރާވައި، ޕްލޭން ކުރަންވީ ނަޝީދާ ނުލަ އެވެ. އޭނައާ ނުލައި ވެސް އިންތިހާބުތަކަށް ނުކުމެ ރަނގަޅު ނަތީޖާތަކެއް ހޯދިދާނެކަން މި ފަހަރުގެ އިންތިހާބުން ވެސް އެމްޑީޕީ ސާބިތުކޮށް ދީފައިވެ އެވެ. ވިސްނަންވީ ޕާޓީ އަށް ވަފާތެރި، އިހުލާސްތެރި މީހުންނާ އެކީ ކުރިއަށް ދިއުމެވެ.
ދެ ފަހަރު އެކައްޗެއް ކިޔަން ނޭނގޭ މީހުންގެ ވާހަކަތަކާއި ދައްކާ ކުލަވަރަށް ހެއްލުން ދޫކޮށްލަންވީ އެވެ. އެއްވެސް ޕާޓީ އަކީ ވަކި މީހެއް ނޫނެވެ. ސިޔާސީ ޕާޓީއެއް ޕާޓީއެއްގެ ގޮތުގައި ކުރިއަށް ދަނީ އާންމު މެމްބަރުންނާ އެކީގަ އެވެ. ދެން ބޭނުން ވަނީ މެމްބަރުން ގޮވައިގެން އިހުލާސްތެރިކަމާ އެކީ ކުރިއަށްދާނެ ވެރިންނެވެ.
ނަޝީދުގެ އެފަދަ ކޮލިޓީއެއް މިހާރު ހުރި ކަމަށް ގަބޫލު ކުރާނީ ގާތުގައި އޮތް ޖަމާއަތް އެކަންޏެވެ.