އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުޢިއްޒު އިންގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކެރޮން ރޮސްލާއާއި ބައްދަލު ކުރައްވައިފިއެވެ.
މިއަދު އެމަނިކުފާނުގެ އޮފީހުގެ މ.ދިމްޔާތުގައި ބޭއްވި މި ބައްދަލުވުމުގައި، އިންތިހާބީ ރައީސްގެ އިތުރުން، އިންތިހާބީ ނައިބް ރައީސް، އަލްއުސްތާޒް ހުސެއިން މުހައްމަދު ލަތީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުވުމުގައި އިންގިރޭސި ސަފީރު ވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމާއި ގުޅިގެން، އިންގިރޭސި ސަރުކާރާއި އަމިއްލަ ނަންފުޅުގައި މަރުހަބާ ދަންނަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، އިންތިހާބީ ރައީސް، ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި އިނގިރޭސި ވިލާތުގެ ފުރިހަމަ ތާއިދާއި އެއްބާރުލުން އަލަށް އުފެދޭ ސަރުކާރާއެކުވެސް އޮންނާނެކަމަށް ދެއްވި ޔަޤީންކަމަށްޓަކައި ސަފީރަށް ޝުކުރު އަދާކުރެއްވެވިއެވެ. އަދި ހުރިހާ ދާއިރާއަކުންވެސް އިނގިރޭސި ވިލާތާއޮތް ގުޅުންތައް ވަރުގަދަކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. މީގެ އިތުރުން ދިވެހި ޤައުމަށާއި ރައްޔިތުންނަށާއި މަންފާހުރި އައު އެތައްކަމެއް އިނގިރޭސި ވިލާތާއެކު އޮތް ގާތްގުޅުމުގެ ސަބަބުން ޙާޞިލްވާނެކަމުގެ އުންމީދުކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.
President Elect @MMuizzu and Vice President Elect @HucenSembe had a productive meeting with British High Commissioner to Maldives @caron_rohsler @UKinMaldives pic.twitter.com/w4y6M7VowH
— Progressive Party of Maldives (@ProgressPartyMV) October 4, 2023
މި ބައްދަލުވުމުގައި، އައު ސަރުކާރާއި އުފެދިގެން އަންނައިރު، އިންގިރޭސިވިލާތާއި ރާއްޖެއާއި ދެމެދު އިތުރަށް ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ. މި ބައްދަލުވުމުގައި އިންގިރޭސި ސަފީރު ވަނީ އިންތިހާބީ ރައީސް ބައްދަލު ކުރައްވާ ފުރަތަމަ ޑިޕްލޮމޭޓަށް ވުމުގެ ޝަރަފު ލިބިވަޑައިގަތުމަކީ ލިބޭ ބޮޑު ޝަރަފެއް ކަމަށް ވިދާޅުވެފައެވެ. އަދި މިއީ، ރާއްޖޭގެ ކޮންމެ ސަރުކާރަކުންވެސް އިނގިރޭސި ވިލާތާއެކު ބާއްވަވަމުން ގެންދަވާ ގާތްގުޅުން މި ސަރުކާރުންވެސް ދަމަހައްޓަވަމުން ގެންދަވާނެކަމަށް ލިބިވަޑައިގަތް ފުރިހަމަ ޔަޤީންކަމެއް ކަމުގައިވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
މިވަގުތު ސަރުކާރު ބަދަލުވުމުގެ އިންތިޤާލީ މަރުހަލާ ކުރިއަށްދާއިރު، ގިނަ ޤައުމުތަކުގެ ސަފީރުން ބައްދަލު ކުރައްވަން އެދިވަޑައިގެންފައިވާ ކަމަށް މީގެ ކުރިން އިންތިހާބީ ރައީސް ޑރ. މުޢިއްޒު ވަނީ ހާމަކުރެއްވާފައެވެ.
ރާއްޖެއާއި އިންގިރޭސިވިލާތާއި ދެމެދު މިހާރުވެސް ގިނަ މަޝްވަރާތަކެއް ކުރެވެމުން ދެއެވެ. އަދި މިވަގުތުވެސް އިންގިރޭސިވިލާތާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ދެއެވެ.