ޗައިނާ އިން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު ވޭންގް ލިޒިންއާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރައްވައިފި އެވެ.
މުއިއްޒުގެ ގެކޮޅު، މ. ދިމްޔާތުގައި ހިންގާ އިންތިހާބީ ރައީސްގެ އޮފީހުގައި ބޭއް މިއަދު އޮތް ބައްދަލުވުމުގައި މުއިއްޒުގެ އިތުރުން އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މި ބައްދަލުވުމާ ބެހޭ ގޮތުން ޕީޕީއެމުން ބުނީ ބައްދަލުވުމުގައި ދެ ގައުމު ދެމެދުގައިވާ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ.
President Elect Dr. @MMuizzu and Vice President Elect @HucenSembe met with the Chinese Ambassador to the Maldives @China_Amb_Mdv , discussed further strengthening the friendly relationship between 🇨🇳🇲🇻 pic.twitter.com/wOH4rnrks1
— Progressive Party of Maldives (@ProgressPartyMV) October 4, 2023
މުއިއްޒު އިންތިހާބުވެވަޑައިގަތުމާ ގުޅިގެން ޗައިނާގެ ރައީސް ޝީ ޖިންޕިން ވެސް މަރުހަބާ ވިދާޅުވެފައިވެ އެވެ.
ޗައިނާ އަކީ ރާއްޖޭގެ ތަރައްގީ އެކި ގޮތްގޮތުން އެހީވަމުން އަންނަ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބާއްވާ ގައުމެކެވެ. ހާއްސަކޮށް މި ގުޅުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަރަށް ބޮޑަށް ބަދަހިވެ، ހާރިޖީ ގުޅުމުގައި އޭރު ރާއްޖެ އެންމެ އިސްކަން ދިން ގައުމަކަށް ޗައިނާވި އެވެ.
އެކަމާ ހެދި އޭރު ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވި އެވެ.
ރާއްޖޭގެ ރައީސް ކަމަށް މި ފަހަރު ޕީޕީއެމް/ޕީއެންސީގެ ބޭފުޅަކު އިންތިހާބުވުމާ ގުޅިގެން ވަރަށް ގިނަ މީޑިއާތަކުން މުއިއްޒު ސިފަކުރައްވާފައި ވަނީ "ޕްރޯ-ޗައިނާ" ބޭފުޅެއްގެ ގޮތުގަ އެވެ.