މިހާރު ގޭބަންދަށް ބަދަލުކުރައްވާފައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ނުކޯޅޭނެ ކަމަށާއި ކުރިއަށް ވަޑައިގަންނަވަނަން ބޭނުން ވަނީ ގައުމުގެ ހަމަޖެހުމަށް އިސްކަމެއް ދައްވައިގެން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މަނީ ލޯންޑްރިން އާއި ކޮރަޕްޝަންގެ މައްސަލަތަކަކާ ގުޅިގެން 11 އަހަރުގެ ޖަލު ހުލުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ޔާމީން ގޭބަންދަށް ބަދަލުކުރީ މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބު މުއިއްޒަށް ކާމިޔާބުވެވަޑައިގަތުމުން ސަރުކާރަށް އެކަމަށް ގޮވާލެއްވުމާ ގުޅިގެންނެވެ.
"ދައުރު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވި ގޮތުގައި ވެރިކަން ކުރައްވަން ބޭނުންވެވަޑައިގަންނަވަނީ ގައުމުގެ ހަމަޖެހުމާއި ސުލްހަ މަސަލަސް ކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކަމަށެވެ. އެހެންވެ އެކަން ގެއްލޭ ފަދަ ކަމެއް ޔާމީނާ މެދު ނުކުރައްވާނެ ކަމަށާއި ޔާމީން ނުކޯޅެ ކުރިއަށް ވަޑައިގެންނެވޭމެ ކަމަށް ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ރައީސް ޔާމީނަކާ އެއްވެސް ކަހަލަ މައްސަލައެއް ނެތެވެ. ނަމަވެސް ޔާމީންގެ ސަރުކާރުގައި ހައުސިމް މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވަނީ ޔާމީން ގެއަށް ބަދަލުކުރި ފަހުން ސަޕޯޓަރުން މަހުމައްޗަށް އެއްވާތީ އެގޮތަށް އަމަލު ނުރައްވަން އެދިވަޑައިގެންނެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އެކަމަށް އެދިވަޑައިގަތް މައިގަނޑު ސަބަބަކީ އެއީ ހަމަޖެހުމަށްޓަކައި ހެޔޮ ނިޔަތެއްގައި އެދިވަޑައިގަތް އެދިވަޑައިގަތުމެކެވެ.
"ވަރަށް ހެޔޮ ނިޔަތެއްގައި ދެއްކި ވާހަކައެއް އެއީ. އެއީ، މިހާރު ރައްޔިތުން މި ވަނީ މި ގޮތް ނިންމާފައި، އަޅުގަނޑަށް މި ޒިންމާ ހަވާލުކޮށްފައި،" މުއިއްޒު ވިދާޅުވި އެވެ. "ރައީސް [ޔާމީން] މިނިވަންކުރުމުގެ ކަންތަކުގައި ވިއްޔާ، ޕީޕީއެމާއި ޕީއެންސީގެ މެންބަރުން އަޅުގަނޑާ އެ ޒިންމާ ހަވާލުކޮށްފައި މި އޮތީ. ދެން އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑު އެކަން ކުރާނަމޭ. އަޅުގަނޑަށް ފުލް ކޮންފިޑެންސް އެބަ އޮތް އެ ކަމުގައި. ފުރަތަމަ މަރުހަލާގައި އެކަން ކާމިޔާބުކޮށްފައި އެ އޮތީ [ޔާމީން ގެއަށް ބަދަލުކުރުން]. ލެޓް މީ ޑޫ ދަ ޖޮބްއޭ."
މުއިއްޒު ވިދާޅުވި ގޮތުގައި މަގުމަތީގެ ހަރަކާތްތައް ތާއީދު ކުރެއްވި ނަމަވެސް މަގުމަތި ހަލަބޮލިވާ ގޮތަށް އަމަލުތައް ބެހެއްޓުމަކީ ގަބޫލުކުރެވޭ ހަމައެއް ނޫނެވެ.
"ވަރަށް މާތް މަގުސަދެއްގައި [މަގުމަތީ ހަރަކާތްތައް] އެކަން އެ ކުރައްވަނީ. އަޅުގަނޑު ވެސް އެ ގޮތަށް އެ ކަމުގައި އެ ގޮތުން ތާއީދު،" އޭނަ ވިދާޅުވި އެވެ. "އެކަމަކު އެހެން މީހުން އޭގެ ތެރެއަށް ވަދެ، ހަމަނުޖެހުން ހިންގައި ހަލަބޮލިކަމަކަށް ގޮސް، އެހެން ވާން ބޭނުން ނުވަނީ. އެއަށް ވުރެ މާ ރަނގަޅަށް އިރާދަކުރެއްވިއްޔާ މިކަން އަޅުގަނޑުމެންނަށް ވާނެ [ޔާމީން މިނިވަން ކުރުން]. އެ އަޅުގަނޑު ގަބޫލުކުރާ ގޮތް ވީމަ، މާލޭގައި އަދި ރާއްޖޭގައި ވެސް ހަމަޖެހުން އޮންނަން ބޭނުންވާތީވެ އަޅުގަނޑު އެދުނު އެދުމެއް."
މުއިއްޒު ވިދާޅުވި ގޮތުގައި އެދިވަޑައިގަތުމާ މެދު ޕާޓީގެ ބައެއް މެންބަރުންގެ ހިޔާލު ތަފާތު ވިޔަސް، އެކަމަށް އިހުތިރާމު ކުރައްވާނެ އެވެ.
މުއިއްޒު އެދިވަޑައިގަތުމާ ހިލާފަށް ޔާމީންގެ ގެ ކައިރީގައި ސަޕޯޓަރުން ހަރަކާތްތެރިވާ އިރު، ޔާމީން ވަނީ އެކަން ކުރަން ހިތްވަދު ވެސް ދެއްވައިފަ އެވެ. އަދި އެކަމަށް އިޝާރާތް ކުރައްވައި މުއިއްޒު ވިދާޅުވީ ޕީޕީއެމް-ޕީއެންސީ ތެރޭގައި ބޮޑު ކޯޅުމެއް އުފެދެން އެެއްވެސް ހާލެއްގައި ފުރުސަތު ނުދެއްވާނެ ކަމަށެވެ.
"އަޅުގަނޑުގެ ފަރާތުން ނުފެންނާނެ އެ ކަހަލަ އެއްވެސް ކޯޅުމެއް ވެެސް، ނޫނީ ކޯޅުމަކަށް ހިތްވަރު ދޭ ތަނެއް ވެސް،" އޭނަ ވިދާޅުވި އެވެ. "އަޅުގަނޑު ބޭނުންވަނީ، މާލެއަށް އަދި ރާއްޖެއަށް ހަމަޖެހުން އަންނަން."
މުއިއްޒު ވިދާޅުވި ގޮތުގައި ދެ ރައީސުންގެ ވާދަވެރިކަމުގައި އެމްޑީޕީ ފުނޑިގެން ދިޔަ ގޮތަށް، އޭނަގެ ސަރުކާރެއްގައި ޕީޕީއެމް/ޕީއެންސީއަށް އެފަދަ ލޮޅުމެއް ދިމާވެދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"އަޅުގަނޑަކަށް ހިއެއްނުވޭ. އެއީ، އަޅުގަނޑު ވެސް އިސްކުރަނީ ގައުމު، ރައީސް ޔާމީން ވެސް އިސްކުރައްވަނީ [ގައުމު]،" އޭނަ ވިދާޅުވި އެވެ. "އެެހެންވީމަ، ގައުމީ މަސްލަހަތު އިސްކުރާ ދެ މީހުންގެ ތެރޭގައި މައްސަލައެއް އުފެދިގެން ނުވާނެ."
މުއިއްޒު ރައީސްކަމުގެ ހުވާ ކުރައްވާނީ އަންނަ މަހުގެ 17 ގަ އެވެ.