ރާއްޖެ އިން އިންޑިއާ ސިފައިން ފޮނުވައިލާނެ ކަމަށާ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުވާ ކުރެއްވުމުގެ ރަސއްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ދައުވަތު ދެއްވުމަކީ އެކަމުގެ އަލިގަދަ ދަލީލެއް ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.
ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު މިއަދު ސޯޝަލް މީޑިއާގައި ވިދާޅުވީ އާ ރައީސް މުއިއްޒު ވާނީ ވަރަށް ތަފާތު ބޭފުޅަކަށް ކަމަށެވެ.
"[އިންތިހާބީ ރައީސް މުއިއްޒު] ހުވާކުރެއްވުމުގެ ރަސްމިއްޔާތައް އިންޑިޔާގެ ޕްރައިމް މިނިސްޓަރަށް ދަޢުވަތު ދެއްވުމަކީ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ބޭރުގެ ސިފައިން ފޮނުވާލުމުގެ މަސައްކަތްޕުޅު ފައްޓަވާނެކަމުގެ އަލިގަދަ ދަލީލެއް." އޭނަ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރޭގަ އާއި އިންތިހާބު ކާމިޔާބު ކުރެއްވުމަށް ވެސް، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމުގެ ވާހަކަ އަކީ މުއިއްޒު ވަރަށް ބޮޑަށް ދެއްކެވި ވާހަކައެކެވެ. އަދި މީގެ ދެ ދުވަސް ކުރިން ރައްޖޭގައި ހުންނަވާ އިިންޑިއާގެ ސަފީރު މުނޫ މަހާވަރާ އެކީ ބޭއްވި ބައްދަލުވުމުގައި ވެސް މުއިއްޒު ވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް އިންޑިއާގެ ފުރުހަމަ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.
އެ ބައްދަލުވުމުގެ މަޝްވަރާތަކަށް އިޝާރާތް ކުރައްވައި އިންތިހާބީ ރައީސް އޮފީހުގެ އިންތިގާލީ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ރާއްޖެ އިން އިންޑިއާ ސިފައިން ފޮނުވާލަން ނިންމި ނިންމުމަށް އިހުތިރާމު ކުރައްވާ ކަމަށް ސަފީރު ވެސް ވިދާޅު ކަމަށެވެ.
"އިންޑިއާ ސަފީރު އެކަމަށް [ސިފައިން ތިބި މައްސަލަ އަށް] އެހައި ސާފުކޮށް، ސަރީހަކޮށް ވިދާޅުވި ވިދާޅުވުމަށް މަރުޙަބާ ވިދާޅުވެ، އަދި ދިވެހިރާއްޖޭގެ ސިޔާދަތަށް ފުރިހަމަ އިޙްތިރާމް ކުރައްވާނެކަން، އަދި ދިވެހިރާއްޖެއަށް ދޫކޮށްފައިވާ ލޯނުތައް އަދާ ކުރުމުގައި ވެސް ލުއިގޮތަކެއް ހަމަޖައްސަވައިދެއްވުމަށް މަޝްވަރާ ކުރެއްވުމަށް އެބޭފުޅުން ތައްޔާރަށް ތިއްބެވީ." އޭނަ ވިދާޅުވި އެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ އެ މީހުން ފޮނުވާލަން ގޮވާލައި މުއިއްޒު ނިސްބަތްވާ ޕީޕީއެމް/ޕީއެންސީން "އިންޑިއާ އައުޓް" ގެ ނަމުގައި ކެމްޕޭން ހިންގާފައިވެ އެވެ.