އިންތިހާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުނާމާ މިހާރު ތައްޔާރު ކުރަމުންދާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ހާމަކޮށްފިއެވެ.
އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެއޮފީހުގެ ތަރުޖަމާނު ފިރުޒުލް އަބްދުﷲ ޙަލީލް ވަނީ މިހާރު އިންތިހާބީ ރައީސްގެ އޮފީހުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލް ހާމަކުރައްވާފައެވެ. އެގޮތުން މިވަގުތު އިންތިޤާލީ ކޮމެޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. އަދި އަމާޒަކީ އަވަހަށް ވަރަށް ފަރުވާތެރިކަމާއެކު ވަރަށް ބާރު ސްޕީޑުގައި މަސައްކަތް ނިންމާލުން ކަމަށް ވިދާޅުވިއެވެ. އަދި ޓީމުތަކުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށް ވިދާޅުވިއެވެ.
"އިންތިޤާލީ ކޮމެޓީތަކަށް ހާއްސަ ޓްރެއިނިންގްއެއް މިއަދު އެބަދޭ. އަޅުގަނޑުމެން އެކުލަވާލާފައިވާ ޓީމުތަކަށް ބަލާއިރު، ޖުމްލަ 15 ޓީމެއް އެކުލަވާލާފައިވޭ. އެއީ ސަރުކާރުގެ ކުންފުނިތަކަށް 7 ޓީމެއް، އަދި ދައުލަތުގެ އެކި މުޢައްސަސާތަކާއި އިދާރާތަކަށް ހާއްސަވާ 8 ޓީމެއް " ފިރުޒުލް ވިދާޅުވިއެވެ.
ކެމްޕެއިންތެރޭ ވާހަކަ ދައްކަވަމުން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ފުރަތަމަ 100 ދުވަހުގެ ވަޢުދުތައް ހާމަކުރައްވާނީ ސަރުކާރުގެ ހާލަތު ބައްލަވާފައި ކަމަށެވެ. އެހެން ކަމުން މި ޓީމުގެ ތަކުގެ މައިގަނޑު މަސައްކަތަކަށް ވާނީ ސަރުކާރުގެ ވުޒާރާތަކާއި އިދާރާތަކުގެ އިތުރުން ކުންފުނިތަކުގެ ހާލަތު ދެނެގަނެ އިންތިހާބީ ރައީސްއާއި ހިއްސާ ކުރުމެވެ.
" ސަރުކާރުގެ އެންމެ ފުރަތަމަ 100 ދުވަހު އަޅުގަނޑުމެން ފޯކަސް ކުރާނެ ކަންކަމުގެ މައިގަނޑު ކަންކަން އެކުލަވާލުމުގެ މިހާރު ފެށިގެން ކުރައްވަމުން އެބަގެންދަވާ. އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް އޭގެ ތަފްސީލްތަށް ހިއްސާ ކުރެވިގެންދާ " ފިރުޒުލް ވިދާޅުވިއެވެ.
އިންތިޤާލީ ކޮމެޓީތަކުގެ މަސައްކަތް ފަށާފައިވާއިރު މި ސަރުކާރުން އެކަމަށް ފުރިހަމަ އެއްބާރުލުން ލިބެމުންދާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ވަނީ ހާމަކުރައްވފައެވެ.