އިންޑިއާ ސިފައިންގެ މައްސަލާގައި ދިވެހިންގެ ނިންމުމަށް އިންޑިއާއިން އިޙްތިރާމް ކުރާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ލިބިފައިވާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ހާމަކުރައްވައިފިއެވެ.
އެ އޮފީހުގެ ތަރުޖަމަނު ފިރުޒުލް އަބްދުﷲ ހަލީލް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިންޑިއާ ސަފީރާއި އެކު ބޭއްވި ބައްދަލުވުމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ ދިވެހި ރައްޔިތުން ނިންމަވާފައި ނިންމެވުން ވަރަށް ސާފުކޮށް ވިދާޅުވެދެއްވި ކަމަށެވެ. އެގޮތުން އިންޑިއާ ސިފައިން ޤައުމުގައި ތިބުމަށް އެދިވަޑައި ނުގަންނަވާކަން ސާފުކޮށްދެއްވި ކަމަށް ވިދާޅުވިއެވެ.
" އިންޑިއާ ސަފީރު؛ އެކަމަށްއެހާ ސާފުކޮށް ސަރީހަކޮށް ވިދާޅުވި ވިދާޅުވުމަށް މަރުހަބާ ދަންނަވާފައިވޭ. އަދި ވިދާޅުވެދެއްވާފައިވޭ އެ ނިންމެވުމަށް އިޙްތިރާމް ކުރައްވާނެކަން އަދި އެހެންމެ ދިވެހި ރާއްޖޭގެ ސިޔާދަތައް ފުރިހަމައަށް އިޙްތިރާމް ކުރައްވާނެކަން. އަދި އެހެންމެ ރާއްޖެއަށް ދޫކޮށްފައިވާ ލޯންތަކަށް ލުއިގޮތްތަކެއް ހޯއްދައިދެއްވުމަށް މަޝްވަރާ ކުރެއްވުމަށް އެ ބޭފުޅުން ތައްޔާރަށް ތިބިކަމަށް " ފިރިޒުލް ވިދާޅުވިއެވެ.
ފިރުޒުލް ވަނީ ސަފީރުގެ ބައްދަލުވުމުގެ އިތުރަށް އިންތިޤާލީ މަރުހަލާތެރޭ އިތުރު ހާއްސަ މަޝްވަރާތަކެއް މިވަގުތު ކުރިއަށް ނުދާކަން ފާހަގަކޮށްފައެވެ. އަދި މިވަގުތު ބޮޑަށް ފޯކަސް ކުރައްވަމުން ދަނީ އިންތިޤާލީ މަރުހަލާގެ މަސައްކަތްތަކަށް ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން މިމަސައްކަތްތައް ކުރިއަށްދާއިރު، ޤައުމުތަކާއިއެކު ވެފައިވާ އެއްބަސްވުންތައް އިންތިޤާލީ ކޮމެޓީގެ ޓީމުތަކުން ބައްލަވާނެ ކަމަށާއި، އޭގެ ފަހުން އެ ކަމާއި ގުޅިގެން ގޮތްތަކެއް ނިންމުމާއި ގުޅޭ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.
އިންތިހާބުވި ސަރުކާރުގެ އެންމެ ބޮޑު އެއް ރިޔާސީ ވަޢުދަކީ އިންޑިއާ ސިފައިން ރާއްޖޭގައި ޤާއިމްވެ ތިބުން ނިމުމަކަށް ގެނެސް އަނބުރާ ފޮނުވާލުމެވެ. މި ސަރުކާރުން ދަނީ އަސްކަރީ ބޭނުމަށް އެއްވެސް ސިފައިނެއް ނެތް ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.