ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުން ދުރުކުރުމަށް ކުރަމުންދާ މަސައްކަތާއި ގުޅޭގޮތުން އެއްވެސް ކަންބޮޑުވުމެއް ނެތް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ތަރުޖަމާނު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިންތިހާބީ ރައީސްގެ ތަރުޖަމާނު މުަހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ ރައީސް ނަޝީދު މަޤާމުން ދުރުކުރުމާއި މެދު އިންތިހާބީ ރައީސްގެ ވަކި ވިސްނުމެއް ނެތް ކަމަށެވެ. އެއީ އެކަމުގައި ފެންނަ ގޮތެއް ނިންމަވާނީ ޕޮރޮގްރެސިވް ކޯލިޝަންގެ ލީޑާޝިޕް އަދި ޕީީ ގްރޫޕުން ކަމަށް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މަޤާމުން ދުރުކުރުމަށް މަސައްކަތް ފަށާފައިވާކަން އެ ޕާޓީގެ ޕީޖީ ގްރޫޕުން ހާމަކޮށްފައިވާއިރު އެކަމާއި ގުޅޭގޮތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ރައީސް ނަޝީދު ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސް ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވީ މިއީ އިންތިހާބީ ރައީސް، ޑރ. މުޢިއްޒު ހުވާ ކުރެއްވުމަށް ހުރަސް އެޅުމަށް އެމްޑީޕީން ކުރާ ކަމެއް ކަމުގައެވެ.
މި ކަމަށް އެޑްރެސް ކުރައްވާ ފިރުޒުލް ވިދާޅުވީ، އެކަމުގެ ސަބަބުން ހުވާ ކުރުމުގެ ރަސްމީއްޔާތުގެ އިންތިޒާމުތަކަށް ހުރަސްތަކެއް ކުރިމަތިވެގެން ނުދާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.
" އަޅުގަނޑުމެން ދެކެނީ ރައްޔިތުންގެ މަޖިލީހަކީ ޤާއިމްވެފައި ހުރި މުޢައްސަސާއެއް ކަމަށްވާތީ، އެފަދަ ކަމެއް (ނަޝީދު ވަކިކުރުމުގެ މަސައްކަތް) ހިނގަމުން ދިޔަނަމަވެސް ކަނޑައެޅިފައި ހުރި އިންތިޒާމުގެ ތެރެއިން އިދާރީ އިންސްޓިޓިއުޝަނަލް ނިޒާމުގެ ތެރެއިން ހުވާކުރުމުގެ ރަސްމީއްޔާތާއި ގުޅޭ އިންތިޒާމުތައް ތަރުތީބުވެގެން ބަރާބަރަށް ކުރިއަށް ދާނެ ކަަމަށް " ފިރުޒުލް ވިދާޅުވިއެވެ.
ރާއްޖޭގައި އަލަށް އިންތިހާބުވާ ރައިސުލްޖުމުހޫއްރީއްޔާ ހުވާ ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިންނެވެ. މިވަގުތު މަޖިލީހުގެ މެޖޯރިޓީ އޮތީ އެމްޑީޕީ އަތުގައި ކަމަށްވާއިރު، ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސް ކަމުގައި ބެހެއްޓުމަށް ނުފެންނަ ކަމަށް ޤައުމީ މަޖިލީހުގައި އެމްޑީޕީ ޕީޖީ ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަޖިލީހަށް މިމައްސަލަ ހުށަހެޅުމަށް މިހާރު ޕީޖީ ގްރޫޕުން ދަނީ ސޮއި އެއް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.