Last Updated: November 28, 21:08
Thursday, November 28, 2024
ޚަބަރު

ކޮންޓްރެކްޓަރުންނަށް ފައިސާ ނުދޭތީ މަސީގެ ކަންބޮޑުވުން

މަސީން މިދިޔަ އަހަރު ރައީސް އަދި ސަރުކާރުގެ އިސްވެރިންނާއި ބައްދަލު ކުރައްވަނީ / ފޮޓޯ: ރައީސް އޮފީސް

ސަރުކާރުގެ ޕީއެސްއައިޕީ އަދި އެހެނިހެން މަޝްރޫޢުތަކުގެ މަސައްކަތަށް ފައިސާ ނުދޭ މައްސަލައިގައި މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން ފޯ ކޮންސްޓްރަކްޝަން އިންޑަސްޓްރީސް (މަސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރާއްޖޭގެ ޢިމާރާތް ކުރުމުގެ ސިނާޢަތުގެ ޤައުމީ ޖަމީއްޔާ ކަމަށްވާ މަސީއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ވަނީ، ސަރުކާރުން އަތޮޅުތަކުގެ ތަރައްޤީއަށް ހިންގާ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކާއި އެހެނިހެން ޕްރޮޖެކްޓުތަކުގެ މަސައްކަތް ކުރާ ކޮންޓްރެކްޓަރުން އަމިއްލަތަކެތީގައި މަސައްކަތްކޮށް ކޮންޓްރެކްޓްގައިވާ ގޮތުގެ މަތިން އިންވޮއިސް ހުށަހަޅުމުން ފައިސާ ލިބުން ލަސްވަމުންދާ ކަމަށެވެ. މީގެ ސަބަބުން މުވައްޒަފުންނަށް މުސާރަ ދިނުމާއި ކެއިން ބުއިމުގެ ޙަރަދާއި އަދި ސަޕްލަޔަރުންނަށް ފައިސާ ދެއްކުމަށް ދަތިވާ ކަމަށް ވަނީ ބުނެފައެވެ.

މިކަމުގެ ކަަންބޮޑުވުން ސަރުކާރުގެ އިދާރާތަކުގެ އިތުރުން، މަސީއަށް ލިބެމުންދާ ކަމަށް އެޖަމީއްޔާއިން ވަނީ ބުނެފައެވެ. އެ ޖަމީއްޔާއިން ބުނީ މިކަމުގެ ސަބަބުން މުވައްޒަފުން މަސައްކަތް ހުއްޓާލާ ކަމަށާއި ކޮންޓްރެކްޓު ކުރިއަށް ނުގެންދެވި ދަރަނިވެރިވެ ކޮންޓްރެކްޓަރުން ގޮތް ހުސްވެފައިވާ ކަމަށެވެ. މިކަން ހައްލު ކުރުމަށް އެ ޖަމީއްޔާއިން ސަރުކާރާއި އެކު ގިނަ މަސައްކަތްތަކެއް މިހާތަނަށް ކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.

އެ ޖަމީއްޔާއިން ބުނީ، މިކަމާއި ގުޅޭގޮތުން ސަރުކާރުގެ ކަމާއިބެހޭ މިނިސްޓްރީތަކާއި، މަސައްކަތް ކުރުވާ މިނިސްޓްރީތަކާއި ސިވިލް ސާވިސް ކޮމިޝަނުންގެ ވެރިންނާއި ބައްދަލުކޮށް އިންވޮއިސް މުއްދަތުގައި ފައިސާ ދިނުމަށް ތަކުރާރުކޮށް އެދިފައިވާ ކަމަށެވެ. މީގެ އިތުރުން ކޮންޓްރެކްޓް މުއްދަތު ހަމަވެ ސަރުކާރުން ޖޫރިމަނާ ކުރާ އުސޫލުން ކޮންޓްރެކްޓަރުންނަށް ފައިސާ ނުދެވި ޖޫރިމާނާ ކުރުމުން އެފައިސާ ދިނުމަށްވެސް އެ ޖަމީއްޔާއިން އިލްތިމާސް ކުރާ ކަމަށް ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

މަސީން ބުނީ 2019 ވަނަ އަހަރުވެސް މި ސިނާޢަތުގައި ދިމާވާ މައްސަލަތައް ބަލައި އެކަންކަން ހައްލު ކުރުމަށް އެޅިދާނެ ފިޔަވަޅުތަށް ސަރުކާރާއި ހިއްސާ ކޮށްފައިވާ ކަމަށެވެ. ނަަމަވެސް އޭރު ހުށަހެޅި 24 ނުކުތާގެ ޕްރެސެންޓޭޝަނުން އެއްވެސް ކަމެއް މިހާތަނަށް ހައްލެއް ލިބިފައި ނުވާ ކަމަށް ވަނީ ބުނެފައެވެ.

އެޖަމީއްޔާއިން ވަނީ ކޮންޓްރެކްޓަރުންގެ ހައްޤުތައް ހިމާޔަތްކޮށް އެފްއައިޑީސީ ޑޮކިއުމެންޓުތަކާއި އެއްގޮތަށް އިންސާފުވެރި މަސައްކަތް ކުރުވާ ފަރާތާއި މަސައްކަތް ކުރާ ފާރާތްތައް ހަމަހަމަ ކޮންޓްރެކްޓް ތައާރަފްކޮށް ހައްޤުތައް ހިމާޔަތް ކުރުމަށް ގޮވާލާފައެވެ.