Last Updated: November 28, 21:08
Thursday, November 28, 2024
ޚަބަރު

އައިލޭންޑް އެވިއޭޝަން މިހާރު ފައިދާވާ ކުންފުންޏަކަށް

މޯލްޑިވިއަންގެ އާ ބޯޓް - ފޮޓޯ: އައްޑޫލައިވް

ތިން އަހަރު ފަހުން އައިލޭންޑް އެވިއޭޝަން އަހަރުގެ ފުރަތަމަ ކުއާޓާގައި ސާފު ފައިދާއެއް ހޯދާފައިވާ ކަމަށް އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.

ސަރުކާރު ކުންފުނިތަކުގެ ކުއާޓަލީ ހިސާބުތައް ޕްރައިވެޓަައިޒޭޝަން ކޯޕްރަޓައިޒޭޝަން ބޯޑުން މިވަނީ އާންމުކޮށްފައެވެ. އެ ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި ޤައުމީ އެއާލައިން ހިންގާ މޯލްޑިވިއަން ކުންފުންޏަށް ވަނީ ސާފު ފައިދާގެ ގޮތުގައި 10.74 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ފަހުން ސާފު ފައިދާއެއް ލިބުނު ފުރަތަމަ ފަހަރެވެ.

ކުންފުންޏަށް ފައިދާ ޖެހުނީ ކުންފުނީގެ އާމްދަނީ ރަނގަޅު ވުމާއެކުއެވެ. އެގޮތުން ޕީސީބީ ރިޕޯޓް ބުނާގޮތުން ކުންފުނީގެ އާމްދަނީ ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއާއި އަޅައި ބަލާއިރު 27 އިންސައްތަ ކުރިއެރުމެއް ހޯދާފައެވެ. މިއަހަރު ފުރަތަމަ ކުއާޓާގައި ކުންފުންޏަށް 557.60 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއާއެކު ކުންފުނީގެ ހިންގުމުން ކުންފުންޏަށް ފާއިތުވި ފަސް ކުއާޓާއަށް ބަލާއިރު މި ކުއާޓާގައި ވަނީ ފުރަތަމަ ފަހަރަށް ފައިދާ ވެފައެވެ. ކުންފުނީގެ ހިންގުމުގެ ފައިދާއަށް 41.55 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ކުންފުނީގެ އާމްދަނީ ރަނގަޅުވި ބައެއް ސަބަބުތަކުގެ ތެރޭގައި އެކުންފުނިން ހިންގަމުން އަންނަ މާފަރު އެއާޕޯޓުން ޖެޓް ފިއުލް ވިއްކަން ފެށުމާއި، އަދި އައު 2 އޭޓީއާރު މި ކުއާޓާގައި ގައި ގެނެސް ފަރެސްމާތޮޑާއަށް ދަތުރުތަށް ފެށުން ހިމެނެއެވެ. ކުންފުންޏަށް ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓިކެޓު ވިއްކައިގެންނެވެ. މީގެ އިތުރުން މާފަރު އެއާޕޯޓަށް މިކުއާޓާގައި 139 ޖެޓު ޖެއްސުމާއެކު ގްރައުންޑް ހޭންޑްލިންގްއިންވެސް ކުންފުނީގެ އާމްދަނީ ވަނީ އިތުރުވެފައެވެ.

ޕީސީބީ ރިޕޯޓުގައި ކުންފުނީގެ އަމްދަނީ ރަނގަޅުވި ނަމަވެސް، އެކުންފުނިން ލީސް ކޮށްފައިވާ އުޅަނދުތައް އިތުރުވުމާއެކު އާރްއޯޔޫ ނުވަތަ ރައިޓް އޮފް ޔޫޒް އިންޓްރަސްޓް އިތުރުވެފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓާގައި 10.11 މިލިއަން ރުފިޔާގައި އެ ހުރިއިރު، މިއަހަރުގެ ފުރަތަމަ ކުއާޓާއަށް 28.91 މިލިއަން ރުފިޔާއަށް މިއަދަދު ވަނީ މައްޗަށް ޖެހިލާފައެވެ.