Last Updated: November 28, 21:08
Friday, November 29, 2024
ޚަބަރު

މުޢިއްޒުގެ "ޕްރޯ-މޯލްޑިވްސް" އަށް އޮސްޓްރޭލިއާ ސަފީރުގެ ތަޢުރީފު

އިންތިހާބީ ރައީސް އޮސްޓްރޭލިއާ ސަފީރާއި ބައްދަލު ކުރައްވަނީ / ފޮޓޯ: އިންތިހާބީ ރައީސް އޮފީސް

އިންތިޙާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ އަރިހަށް އޮސްޓްރޭލިއާއި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު އިންތިހާބީ ރައީސްގެ ގެކޮޅުގައި ބޭއްވި މި ބައްދަލުވުމުގައި، އޮސްޓްރޭލިއާގެ ސަފީރު ޑޭވިޑް ޖެސްއަޕް ވަނީ އިންތިޙާބީ ރައީސްއަށް މަރުހަބާ ދަންނަވާފައެވެ. އަދި ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް ގުޅުން ކުރިއަށް ރިޔާސީ ދައުރުގައި އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުމުގައި އޮސްޓްރޭލިއާ ސަފީރު ވަނީ ޑރ. މުޢިއްޒުގެ 'ޕްރޯ މޯލްޑިވްސް" ޚާރިޖީ ސިޔާސަތައް ތަޢުރީފް ކުރައްވާފައެވެ.

މި ބައްދަލުވުމުގައި އިންތިޙާބީ ރައީސް ދެއްކެވި ވާހަކަފުޅުގައި، އޮސްޓްރޭލިއާއާ އެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި އޮސްޓްރޭލިއާއާ ދިވެހިރާއްޖޭއާ ދެމެދު އެކި ދާއިރާތަކުން އުފެދިފައިވާ ގާތް ގުޅުންތައް ފާހަގަކުރެއްވިއެވެ. މީގެ ތެރެއިން ތަޢުލީމީ ދާއިރާއިން ދިވެހި ދަރިވަރުންނަށް ފުރުސަތުތައް ފަހިކޮށްދެއްވައި، ދިވެހިރާއްޖޭގެ އިންސާނީ ވަސީލަތް ބިނާކުރުމަށް ދެއްވަމުންގެންދަވާ އެހީތެރިކަމަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ. ހަަމައެއާއި އެކު ފެށިގެންދާ އާ ދައުރުގައި މި ގުޅުންތައް އިތުރަށް ފުޅާވެ ބަދަހިވުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

ބައްދަލުވުމުގައި އޮސްޓްރޭލިއާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ދެ ޤައުމުގައި ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ގުޅިގެން ކުރެވެން ހުރިކަން ކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން ސަފީރު ވަނީ ދިވެހިރާއްޖޭގެ ތަރައްޤީގެ ކަންކަމުގައި އެ ޤައުމުން އެހީތެރިކަން ދެއްވާނެ ކަމުގެ ޔަޤީންކަން އަރުވާފައެވެ.

އިންތިހާބީ ރައީސް ޑރ. މުޢިއްޒު ގެންދަނީ އިންތިޤާލީ ދުވަސްވަރު އެކި ޤައުމުތަކުގެ ސަފީރުންނާއި ބައްދަލު ކުރައްވަމުންނެވެ. މީގެ އިތުރުން ބޭރުގެ ޖަމާޢަތްތަކާއި ވެސް ދަނީ ބައްދަލުވުންތައް ބާއްވަމުންނެވެ.