ދިވެހި ރާއްޖޭގެ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް އ.ދގެ އެހީއަށް އިންތިހާބީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިވަގުތު ބާއްވަމުންދާ ބައްދަލުވުންތަކުގެ ތެރެއިން އ.ދ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ކެތަރިން ހާސްވެލްއާއި މިއަދު ވަނީ ބައްދަލު ކުރައްވާފައެވެ. މި ބައްދަލުވުމުގައި އިންތިހާބީ ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފްވެސް ބައިވެރިވަޑައިގެންނެވިއެވެ.
ބައްދަލުވުމުގައި، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމާއި މުއައްސަސާތައް ވަރުގަދަކުރުމާއި ޑިމޮކްރެސީ ހަރުދަނާކުރުމުގައި އ.ދ. އިން ދެއްވަމުންގެންދަވާ ފަންނީ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ. އަދި ކުރިޔަށް އޮތް ދައުރުގައިވެސް އެކި ދާއިރާތަކުން ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އ.ދ. ގެ އެހީތެރިކަމަށް އެދިވަޑައިގެންނެވިއެވެ.
އ.ދ ރެޒިޑެންޓް ކޯޑިނޭޓަރ ދެއްކެވި ވާހަކަފުޅުގައި، ކުރިއަށް އޮތް ރިޔާސީ ދައުރުގައިވެސް ރާއްޖޭގެ ތަރައްޤީއަށް އެކި ދާއިރާތަކުން ވެދެވެން އޮތް އެހީއެއް ވެ ދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭނާއި އިންތިހާބީ ރައީސްގެ މެނިފެސްޓޯގައިވާ ޤައުމީ ތަރައްޤީގެ ޕްލޭންތަކަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން މުޢިއްޒުގެ މެނިފެސްޓޯގައި އަންހެނުން ބާރުކުރުވުމަށް ވެވަޑައިގެންފައިވާ ވަޢުދުތަކަށް އ.ދ އިން ވަނީ ތަޢުރީފު ކޮށްފައެވެ.
އ.ދގެ އެކި ޖަމީއްޔާތަކުން ރާއްޖޭގައި ހަރަކާތްތެރިވަމުންދާއިރު، ރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް އެކި ފަންތީގައި އެހީތެރިކަން ފޯރުކޮށްދެއެވެ.