Last Updated: November 28, 21:08
Thursday, November 28, 2024
ޚަބަރު

ސެޕްޓެމްބަރު މަހު އާމްދަނީ ދަށަށް

މިރާ އޮފީހުގެ ތެރެއިން / ފޮޓޯ: މީރާ

މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ މަހުގެ އާމްދަނީއާއި އަޅާބަލާއިރު، މިއަހަރު ސެޕްޓެމްބަރު މަހުގެ އާމްދަނީ ދަށަށް ގޮސްފައިވާ ކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިރާއިން ކޮންމެ މަހަކުވެސް އާންމު ކުރާ ދައުލަތުގެ އާމްދަނީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރު ސެޕްޓެމްބަރު މަހު 2022 ވަނަ އަހަރު ސެޕްޓެމްބަރު މަހާއި އަޅާބަލާއިރު 15.8 އިންސައްތަ ދަށެވެ. މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ދައުލަތަށް 1.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މިއަހަރު އެމުއްދަތުގައި ލިބިފައިވަނީ 1.18 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މީގެ އިތުރުން މިދިޔަ މަހަށް ލަފާ ކުރި އާމްދަނީ 19.4 އިންސައްތަ ދަށް ކަމަށް މީރާއިން ބުނެއެވެ.

މިދިޔަ މަހު އާމްދަނީ ދަށްވި ސަބަބުތަކުގެ ތެރޭގައި ޖީއެސްޓީއާއި، ފަތުރުވެރިކަމުގެ ބިމު ކުލި، ނޮން ރެޒިޑެންޓް ވިތް ހޯލްޑިންގް ޓެކްސްއާއި އަދި ކޯޕަރޭޓް އިންކަމް ޓެކްސް މަދުވެފައިވެއެވެ. މީގެ އިތުރުން މަހުގެ ފަހު ދުވަސް ސަރުކާރު ބަނދުވުމުން ޖީއެސްޓީ އަދި ގްރީން ޓެކްސް ޑެޑްލައިން އޮކްޓޯބަރ މަހަށް ވަނީ ފަސް ކުރެވިފައެވެ.

މިއަހަރު ދައުލަތަށް ލިބުނު އާމްދަނީގެ ތެރެއިން ޓެކްސް އާމްދަނީގެ ގޮތުގައި 781 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 401 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ. މީގެ އިތުރުން ޖުމްލަ އާމްދަނީގެ ތެރެއިން 49.62 މިލިއަން އަކީ ޑޮލަރު އާމްދަނީ ކަމަށް މީރާއިން ބުނެއެވެ.

ސެޕްޓެމްބަރު މަހުގެ ޓެކްސް އާމްދަނީއަށް ބަލާއިރު، ޖީއެސްޓީގެ ގޮތުގައި 523 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެ ތެރެއިން 324 މިލިއަން ރުފިޔާ އަކީ ޓީޖީއެސްޓީއެވެ. އިންކަމް ޓެކްސްގެ ގޮތުގައި މިމަހު ދައުލަތަށް ލިބިފައިވަނީ 136.7 މިލިއަން ރުފިޔާއެވެ. އަދި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 67 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ޓެކްސް ނޫން އާމްދަނީގެ ތެރެއިން ފަތުރުވެރިކަމުގެ ބިމު ކުލީގެ ގޮތުގައި މިދިޔަ މަހު ދައުލަތަށް 232 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 71 މިލިއަން ރުފިޔާ އާމްދަނީއެއް މިދިޔަ މަހުގެ ތެރޭގައި ވަނީ ލިބިފައެވެ.

މިދިޔަ 5 އަހަރު ތެރޭ ސެޕްޓެމްބަރު މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ 2021 ވަނަ އަހަރުއެވެ. އެ އަހަރު ސެޕްޓެމްބަރު މަހު 1.9 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.