Last Updated: November 29, 20:04
Friday, November 29, 2024
ޚަބަރު

ރާއްޖޭގެ ގަވަރުނަރަށް ތާރީހީ ޝަރަފެއް

ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާއަކަށް ފުރަތަމަ ފަހަރަށް ރާއްޖެ ހޮވިއްޖެ އެވެ.

ދުނިޔޭޔެ އެންމެ ބޮޑު ދެ މާލީ އިދާރާ ގަވަރުނަރުންގެ ބޯޑުގެ ޗެއާއަކަށް ހޮވިފައި ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމެވެ. މިއީ ވޯލްޑް ބޭންކް ގުރޫޕާއި އައިއެފްއެމްގެ މެންބަރު ގައުމުތަކުގެ ވޯޓުން ހޮވާ މަގާމެކެވެ.
ޗެއާޕާސަންގެ މަގާމަށް އެމްއެމްއޭގެ ގަވަރުނަރު އިންތިހާބުވީ ވޯޓުގައި ބައިވެރިވި ހުރިހާ ގައުމުތަކެއްގެ ތާއީދާ އެކީގަ އެވެ. މި މަގާމަށް ރާއްޖެ ހޮވުނުކަން އިއުލާންކޮށްފައި ވަނީ މޮރޮކޯގެ މަރަކެޝްގައި މިހާރު ކުރިއަށްދާ ވޯލްޑް ބޭންކް ގްރޫޕް އަދި އައިއެމްއެފް އަހަރީ ބައްދަލުވުމުގެ ތެރެއިންނެވެ.

މިއާއެކު، އައިއެމްއެފް އަދި ވޯލްޑް ބޭންކުގެ އަންނަ އަހަރޔުގެ އަހަރީ ބައްދަލުވުންތަކުގެ ޗެއާކަން ކުރައްވާނީ އަލީ ހާޝިމެވެ.

ވޯލްޑް ބޭންކް އަދި އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާއެއް ހަމަޖައްސަނީ ކޮންމެ އަހަރެއްގައި ވެސް ތަފާތު ސަރަހައްދަކުންނެވެ. އެގޮތުން އަންނަ އަހަރުގެ ޗެއާމަންކަމަށް ހަމަޖައްސާފައި ވަނީ އޭޝިއާ ޕެސިފިކް މެންބަރު ގައުމުތަކުންނެވެ.

މިކަމާ ގުޅިގެން އަލީ ހާޝިމް ވިދާޅުވީ މިއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"މިއީ ވަރަށް ބޮޑު ކާމިޔާބީއެއް އަދި ޝަރަފެއް ރާއްޖެއަށް ލިބިގެން ދިޔަ. ވަރަށް ތާރީޚީ ކަމެއް. ރާއްޖެ އައިމްއެމްއެފްގެ މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވާތާ ސާޅީސް ފަސް އަހަރުވެފައިވާއިރު މިއީ ރާއްޖެއަށް މި ފަދަ ފުރުސަތެއް ލިބުނު ފުރަތަމަ ފަހަރު،" އޭނަ ވިދާޅުވި އެވެ. "އެހެންކަމުން، ވޯލްޑް ބޭންކް ގްރޫޕް އަދި އައިއެމްއެފްގެ ޗެއާގެ މަގާމު ރާއްޖެއަށް ލިބުމަކީ ވަރަށް ތާރީޚީ ކާމިޔާބީއެއް. މި ފުރުސަތުގައި މި ކަމުގައި އަޅުގަނޑުމެންނަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން. އަދި ރާއްޖެއަށް ތި ކުރެއްވި އިތުބާރަށް ވެސް ޝުކުރު ދަންނަވަން."

ގަވަރުނަރުންގެ ބޯޑުގެ ޗެއާގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ އައިއެމްއެފް އަދި ވޯލްޑް ބޭންކު މެންބަރު ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުގެ ގަވަރުނަރުންނާއި ފިނޭންސް މިނިސްޓަރުންގެ އަހަރީ ބައްދަލުވުންތައް ޗެއާކުރެއްވުމެވެ. މީގެ އިތުރުން، ރެމިއުނެރޭޝަން އޮފް އެގްޒެކެޓިވް ޑިރެކްޓާސް އެންޑް ދެއާ އަލްޓަނޭޓްސް ކޮމިޓީ، ޖޮއިންޓް ޕްރޮސީޖާ ކޮމިޓީ އަދި މަލްޓިލެޓެރަލް އިންވެސްޓްމަންޓް ގެރެންޓީ އޭޖެންސީ ޕްރޮސީޖާ ކޮމިޓީގެ ޗެއާކަން ކުރައްވާނީ ވެސް ގަވަރުނަރުންގެ ބޯޑުގެ ޗެއާޕާސަނެވެ