ދެކުނުގެ ހަތަރު އަތޮޅުތަކުން ބޭއްވި “ދެކުނު މަހާސިންތާ” އިން ނިންމި “ތޫނޑު އެއްބަސްވުން” ހަތަރު އަތޮޅުގެ ހުރިހާ ގޭބިސީތަކަށް ބަހަން ނިންމައިފި އެވެ.
"ދެކުނު މަހާސިންތާ" ބާއްވައިފައި ވަނީ މިދިޔަ މަހުގެ 26-27 އަށް ފުވައްމުލަކު ތޫނޑު އަވަށުގަ އެވެ.
އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އިއްޔެ ވިދާޅުވީ ތޫނޑު އެއްބަސްވުން ދެކުނުގެ ހަތަރު އަތޮޅުގެ ހުރިހާ ގޭބިސީތަކަށް ކައުންސިލްތަކުން އަންނަ ހަފުތާގެ ތެރޭގައި ބަހަން ފަށާނެ ކަމަށެވެ.
"ދެކުނު މަހާސިންތާ" އަށް ހުށަހެޅި ކަރުދާހުގެ ތެރޭގައި ހިމެނެނީ އިދާރީ ގޮތުން ކައުންސިލްތައް ހިންގަން ހުރި ހުރަސްތަކާއި ބިމުގެ މައްސަލަތަކާއި އިގުތިސާދީ ގޮތުން ކައުންސިލްތަކަށް ބާރުވެރިކަން ހޯދުމާ ބެހޭ ކަރުދާސްތަކެވެ.
އެ ކަރުދާސްތަކުގެ މައްޗަށް މަޝްވަރާކޮށް، ކައިރި އަދި ދުރު މުސްތަގުބަލުގައި ކައުންސިލްތަކަށް ހާސިލް ކުރެވިދާނެ ކަންކަން ތޫނޑު އެއްބަސްވުމުގައި ވަނީ ހިމަނައިފަ އެވެ.
ތޫނޑު އެއްބަސްވުމުގައި، މައިގަނޑު ފަސް ކަމެއްގެ މައްޗަށް ވަރަށް ތަފުސީލްކޮށް އަލިއަޅުވާލައިފަައިވެ އެވެ. އެއީ އަތޮޅުތަކުން ހުށަހެޅި ކަރުދާސްތަކުގެ މައްޗަށް ބިނާކޮށެވެ.
ސޯބެ ވިދާޅުވީ "ދެކުނު މަހާސިންތާ" އިން ފާސްކުރި، ތޫނޑު އެއްބަސްވުމަކީ ދެކުނުގެ ހަތަރު އަތޮޅުން އެންޑޯސްކޮށް، އެޓާނީ ޖެނެރަލް (އޭޖީ) ގެ ލަފާ ވެސް އެއަށް ހޯދާނެ އެއްޗެއް ކަމަށެވެ.
ބޭނުމަކީ އެ އެއްބަސްވުމަކީ ގާނޫނީ ގޮތުން ވެސް ބުރަދަނެއް ހުރި އަދި ހުރިހާ ފަރާތްތަކަކުން ވެސް ބަލައިގަންނަ އެއްޗަކަށް ހެދުމެވެ.
މޭޔަރު އަދި ވިދާޅުވީ "ދެކުނު މަހާސިންތާ" އަކީ އެއްގޮތަކަށް ވެސް ޕާޓީ ފިކުރުގައި ކުރި ކަމެއް ނޫން ކަމަށެވެ. އަދި އެއީ ގައުމީ ގައުމީ ރޫހުގައި ކުރި ވަރަށް ތާރީހީ މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.
"މީގެ ސަބަބުން ކައުންސިލްތަކަށް ލާމަރުކަޒީ ގާނޫނުން ލިބިދޭ ބާރުތައް، ކައުންސިލްތަކުން ދަމަހައްޓަން އަބަދު ވެސް މަސައްކަތް ކުރާނެ. މިއީ ހަރުދަނާ ނިޒާމަކަށް އަދި ރާއްޖެ އަށް ބޭނުންތެރި ނިޒާމަކަށް ވެގެން ދާނެ. އެކަން ހާސިލް ކުރަން އަޅުގަނޑުމެން މަސައްކަތް ކުރަނީ."