އިންޑިއާ ސިފައިން ފޮނުވާލި ކަމުގައިވިއަސް އިންޑިއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުމަށް ބަދަލު ނައިސް އިތުރަށްވެސް އެހީ ލިބޭނެ ކަމަށް އިންތިޙާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އިންތިޙާބު ވުމަށް ފަހު ބައިނަލްއަޤްވާމީ މީޑިއާއަކަށް ދެއްވި ފުރަތަމަ ބަސްތީގަތުމުގައި "ޓޯކް ޓު އަލްޖަޒީރާ" ޕްރޮގްރާމުގައި ޑރ. މުޢިއްޒު ވިދާޅުވީ ރާއްޖޭގެ މިވަގުތު ޙާރިޖީ ސިޔާސަތަކީ ދިވެހިންގެ ފައިދާއަށް އޮތް ސިޔާސަތެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނުގެ ޤަބޫލު ކުރައްވާ ގޮތުގައި، ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިން ތިބުމަކީ ޤަޢުމުގެ އިސްތިޤްލާލަށް އޭގެ އަސަރު ކުރާނެ ނުރައްކަލެއް ކަމަށް ވިދާޅުވިއެވެ. މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ވެރިކަމާއި ހަވާލުވާތާ ހަފްތާއެއް ތެރޭވެސް އިންޑިއާ ސިފައިން ބޭރުވުން ކަމަށާއި އެހާވެސް ބޮޑު އިސްކަމެއް އެކަމަށް ދެއްވާ ކަމަށެވެ.
ޑރ. މުޢިއްޒު ވިދާޅުވީ ބޭރުގެ ޤައުމުތަކާއި އެކު އަސްކަރީ ގުޅުންތައް މިހާރަކޭ އެއްގޮތަށް ދަމަހައްޓާނެ ކަމަށާއި، އިންޑީއާވިއަސް އެހެން ޤައުމެއް ވިއަސް އެކަމުގެ ތެރެއިން ބޭރުގެ ސިފައިން ރާއްޖޭގައި ތިބުމަށް ފުރުސަތު ދެވެން ނެތް ކަމަށެވެ. އިންތިހާބީ ރައީސް ވަނީ، ދާދި ފަހުން އިންޑީއާ ހައިކޮމިޝަނަރާއެކު ބޭއްވި ބައްދަލުވުމުގައި ވެސް އެ ބޭފުޅުން މި މަޝްވަރާތަކަށް ވަރަށް 'ޕޮޒިޓިވް' ކޮށް ތިބި ކަމަށް އަންގާފައިވާ ކަމަށް ވިދާޅުވެފައެވެ. އެހެން ވުމުން އެއްވެސް މަޝްރޫޢުއެއް ހުއްޓުވައި އެފަދަ ކަމެއް ހިނގާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށް ވިދާޅުވިއެވެ.
" އަޅުގަނޑަށް ޤަބޫލެއް ނުކުރެވޭ އެހެން ހަދާފާނެ ކަމަށް (އިންޑިއާ އެހީތައް މަދުކޮށްލާނެ ކަމަށް). އަޅުގަނޑަށް ހީވަނީ އޭގެ ބަދަލުގައި މިހާރު ދޭ އެހީތަކަށް ވުރެ އިތުރަށްވެސް ދޭނެހެން. އަދި ފަތުރުވެރިކަމުގެ ސިނާޢަތަށް އިންވެސްޓްވެސް ކުރާނެ ކަމަށް ޤަބޫލު ކުރެވޭ. އަޅުގަނޑުމެންނާއި އިންޑިއާއި އަބަދުވެސް އޮތީ ގާތްގުޅުމެއް. އަޅުގަނޑު ނޭދެން އެކަން ބަދަލު ކުރަން " ޑރ. މުޢިއްޒު ވިދާޅުވިއެވެ.
މުޢިއްޒު ވަނީ އިންޑީއާއެކު އޮތް ހަމައެކަނި މައްސަލައަކީ ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލުގެ މައްސަލަ ކަމަށް ވިދާޅުވިއެވެ. އަދި ޗައިނާ އާއިވެސް ވަކި ގާތް ގުޅުމެއް ނުބާއްވާނެ ކަަމަށާއި، ނަމަވެސް ޗައިނާ އަކީ މި ސަރުކާރުގައި ނޫނީ ރާއްޖޭގެ ތަރައްޤީއަށް ވަރަށް މުހިންމު ބައިވެރިއެއް ކަމަށް ވިދާޅުވިއެވެ. އަދި މި ސަރުކާރުން ބޭނުންވަނީ ހުރިހާ ޤައުމަކާއިވެސް ގުޅުން ބާއްވާއި ދެކޮޅަށް ފައިދާވާނެ ސިޔާސަތެއް ގެންގުޅެން ކަމަށް ވިދާޅުވިއެވެ.
ޑރ. މުޢިއްޒު ވަނީ މިހާރު އޮތް ގޮތުން ރާއްޖޭގެ އިޤްތިޞާދު އިންޑިއާއަށް ވަރަށް ބޮޑަށް ބުރަ ވެފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގެ ދަރަނީގެ ދެބައިކުޅަ އެއްބައި އިންޑިއާއަށް އޮތް އިރު އެކަމުގައިވެސް ސިފައިން ބޭރު ކުރިނަމަވެސް، އިންޑިއާއިން އެހީތެރިވާން ތައްޔާރަށް ތިބި ކަމަށް ވިދާޅުވިއެވެ.