Last Updated: November 28, 21:08
Thursday, November 28, 2024
ޚަބަރު

ފަސް އަހަރުން ވެސް ގެއްލުނު އެއްވެސް ފައިސާއެއް ނުހޯދޭ

ޑރ. މުޢިއްޒު އަލްޖަޒީރާއަށް ދެއްވި ބަސްތީގަތުން / ފޮޓޯ: އަލްޖަޒީރާ

މި ސަރުކާރަށް ފުރިހަމަ ދައުރެއް ލިބުނު ނަމަވެސް ގެއްލުނު އެއްވެސް ފައިސާއެއް މިހާތަނަށް އަނބުރާ ހޯދިފައި ނުވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސް ޑރ. މުޢިއްޒު އަލްޖަޒީރާއަށް ދެއްވި ބަސްތީގަތުމެއްގައި ވަނީ ޕީޕީއެމް ހިމެނޭ ސަރުކާރެއް އަލުން ބާރެއް އަންނަ އިރު ކޮރަޕްޝަންގެ ކަންބޮޑުވުން ބައެއް ފަރާތްތަކުގައި ހުރި ކަމަށް ވިދާޅުވެ ސުވާލު ކުރައްވާފައެވެ. އަދި ޙާއްސަކޮށް ބޭރުގެ ޖަމީއްޔާ ޖަމާޢަތްތަކުން ރާއްޖޭގައި ހިނގާފައިވާ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކުގައި ގެއްލުނު މުދަލާއި ފައިސާ އަނބުރާ ހޯދުމުގައި ލަސްތަކެއް ވަމުންދާ ކަމަށް ވަނީ ބުނެފައެވެ.

މިކަމަށް ޖަވާބު ދެއްވަމުން ޑރ. މުޢިއްޒު ވަނީ އެފަދަ ކަންކަން ދިމާވަނީ ޤާނޫނީ ބާރުވެރިވެރިކަން ނެތިގެން ކަމަށް ޤާބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު ޤަބޫލެއް ނުކުރަން އެކަން އެގޮތަށް ވަނީ (ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލު ނެގުން) ލަސްވަނީ ޤާނޫނީ ހުސްކަމެއް އޮވެގެން ކަމަށް. ހަޤީޤަތުގައި އެކަމަށް އިޙްލާސްތެރި މަސައްކަތެއް ނުކުރެވޭނީ. ކުރެވޭ ނަމަ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއް މިއީ. އަޅުގަނޑުމެން ބޭނުންވަނީ މުޅި ދައުލަތް ވެސް އެ މަގައް މަސައްކަތް ކުރަން ކޮރަޕްޝަން ހުއްޓުވުމަށް " ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމުގައި އެގޮތަށް ޢަމަލު ކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މުޢިއްޒު ވިދާޅުވި ގޮތުގައި މި ސަރުކާރުގައި ކޮރަޕްޝަން މައްސަލަތައް ކުރީ ސަރުކާރަށް ވުރެ ގިނައެވެ. އެގޮތުން ޚުދު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުންވެސް އެކަން ފާހަގަ ކުރައްވާ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ. މިކަމުގެ މިސާލު އެމަނިކުފާނު ނެންގެވީ ކޮވިޑުގައި ލިބުނު ފައިސާއާއި ވެންޓިލޭޓަރުތަކުގެ މައްސަލައިންނެވެ. އަދިވެސް ބަލަން ހުރި ކަންކަން ހުރި ކަމަށް ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ވަނީ މި ސަރުކާރުގެ މައްސަލަތައް ދޫކޮށް ނުލައްވާނެ ކަމަށާއި، ސަރުކާރުގެ މާލީއްޔަތުން ނާޖާއިޒު ފައިދާ ނެގުނަ ނުދޭނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން މީޑިއާއަށް ހުރިހާ ކަމެއްގައި ފުރިހަމަ މައުލޫމާތު ދެއްވާނެ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.