އައްޑު އާއި އިތުރު ހަތަރު ރަށެއްގައި ކަރަންޓު އުފައްދާ ނިޒާމާއި އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމުތައް ގާއިމު ކުރަން ހުޅުވާލި ބީލަމުގެ ޕްރީބިޑް މީޓިން ބާއްވައިފި އެވެ.
މި މަޝްރޫއުގައި ހިމެނޭ ހަތަރު ރަށަކީ ބ. ގޮއިދު އާއި ޅ. ކުރެންދު އާއި ތ. ބުރުނީ އާއި އަދި ގއ. ވިލިނގިއްޔެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ޕްރީބިޑް ބައަދަލުވުމުގައި ތަފާތު 14 ގައުމަކުން 33 ކުންފުނިން ބައިވެރިވި އެވެ.
ޕްރިޕެއަރިން އައުޓާ އައިލެންޑްސް ފޯ ސަސްޓެއިނެބަލް އެނާޖީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކީ ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށާއި ކަރަންޓު އުފައްދާ ފޯރުކޮށް ދިނުމުގައި އިސްރާފު ކުޑަކޮށް ހެޔޮ ގޮތުގައި ކަރަންޓު ފޯރުކޮށް ދިނުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޔޫރަޕިއަން އިންވެސްޓްނަމްޓް ބޭންކް އަދި އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގެ އެހީގައި ހިންގާ މަޝްރޫއެކެވެ.
މި މަޝްރޫއު ނިމޭ އިރު ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް އެރަށަކަށް ދުވާލު ގަޑީގައި ބޭނުންވާ ކަރަންޓުގެ އެންމެ މަތީ ޢަދަދު 30 ޕަސެންޓަށް ވުރެ މަތިން އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް މެދުވެރިކޮށް ކަރަންޓު އުފައްދާ ނިޒާމުތައް ޤާއިމު ކުރެވިގެން ދާނެ އެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ހުޅުވާލެވިފައިވާ ބީލަން ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ އެޕްރީލް 8، 2015 އެވެ.