އިންތިހާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ފަރާތުން އެކުލަވާލާފައިވާ ކުރިއަށް އޮތް އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ކޮމެޓީ ޗެއަރ ކުރައްވާނީ ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މާވަށު ދައިރާގެ މެންބަރު މުހައްމަދު ސައީދު ކަން އިންތިހާބީ ރައީސްގެ އޮފީހުން ހާމަކޮށްފިއެވެ.
އިންތިހާބީ ރައީސްގެ އޮފީހުން ކޮންމެ ދުވަހަކުވެސް ކުރެވެމުންދާ މަސައްކަތް ހާމަކޮށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ވަނީ ބެޖެޓު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ހާމަކުރައްވާފައެވެ. މި ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ މާލީ ދައިރާގެ ތަޖުރިބާ ހުރި ކުރީގެ ދައުލަތުގެ މަޤާމުތައްވެސް އަދާ ކުރައްވާފައިވާ ބޭފުޅުންކަން ފާހަގަކޮށްލެވެއެވެ.
މީގެ ކުރިން މި ކޮމެޓީ އެކުލެވެނީ 7 ބޭފުޅުންގެ މައްޗަށްކަން ހާމަކޮށްފައިވީނަމަވެސް، މިހާރު ކޮމެޓީގައި 8 ބޭފުޅުން ތިއްބަވާނެ ކަން އިންތިހާބީ ރައީސްގެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ. އެ ބޭފުޅުންނަކީ؛
- ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި މާވަށު ދައިރާގެ މެންބަރު މުހައްމަދު ސައީދު
- ކުރީގެ ނައިބް ރައީސް އަދި ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދު
- ގުރައިދޫ ދައިރާގެ މެންބަރު އަދި ޕީޕީއެމް ނައިބް ރައީސް ޤައްސާން މައުމޫން
- ކުރީގެ ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރު
- ކުރީގެ ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު
- ކުރީގެ އެމްއެމްއޭ ގަވަރުނަރު އަހުމަދު ނަސީރު
- ކުރީގެ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ލުވެއިޒް
- ކުރީގެ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ބޯޑް މެންބަރު އަބްދުލް ހަލީމް އަބްދުއްލަތީފް
މި ކޮމެޓީގައި މި 8 ބޭފުޅުން ހިމެނިވަޑައިގަންނަވާއިރު، ކޮމެޓީ ޗެއަރ ކުރައްވަނީ ޕީއެންސީގެ ވެސް ނައިބް ރައީސްކަން ކުރައްވަމުން ގެންދަވާ މާވަށު ދައިރާގެ މެންބަރު މުހައްމަދު ސައީދުއެވެ.
އިންތިހާބީ ރައީސްގެ އޮފީހުން ވަނީ ކޮމެޓީގެ މަސައްކަތް މިިދިޔަ ހަފްތާގައި ފަށާފައިވާކަން ހާމަކޮށްފައެވެ. ދައުލަތުގެ ބަޖެޓަށް އަންނަ އަހަރަށް ލަފާ ކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވަނީ 50 ބިލިއަން ރުފިޔާއެވެ. ނަަމެވެސް އަދި ބަޖެޓުގެ މަސައްކަތް ކުރިއަށްދާތީ މިއަދަދު ހުށަޅާނެ ކަމެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
މިކަމަށް އިޝާރާތް ކުރައްވާ އިންތިހާބީ ރައީސްގެ އޮފީހުންވެސް ވަނީ އަދި މަސައްކަތް ފެށިގެން ހަފްތާއެއްހާ ދުވަސް ކަމުން އަންނަ އަހަރަށް ލަފާ ކުރާނެ ބަޖެޓު ބުނަން ދަތިކަން ފާހަގަކޮށްފައެވެ.