ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ސިއްޙީ ޚިދުމަތް ދޭ ތަންތަނުގައި މިހާރު ބޭނުން ކުރަމުންދާނީ އެމެޖެންސީ ސްޓޮކްގައި ހުރި މެޑިކަލް ކޮންޒިއުމަބަލްސް ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ހާމަކޮށްފިއެވެ.
އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އިންތިޤާލީ ކޮމެޓީތަކުގެ މަސައްކަތާއި ގުޅޭގޮތުން ވަނީ މަޢުލޫމާތު ދެއްވާފައެވެ. އެގޮތުން މިހާތަނަށް ފާހަގަ ކުރެވުނު ކަންކަމުގެ ތެރޭގައި، ސިއްޙީ ޚިދުމަތް ދޭ ތަންތަނުން އެއްފަހަރު ބޭނުން ކުރާ ސާމާނު ނުވަތަ މެޑިކަލް ކޮންޒިއުމަބަލްސް އަދި ލެބޯޓަރީ ބޭނުންވާ ކެމިކަލްސްގެ ތެރެއިން މިހާރު ބޭނުން ކުރަނީ އިމެޖެންސީ ސްޓޮކްގައި ހުރި ތަކެތިކަމަށް ވަނީ ބުނެފައެވެ.
ފިރުޒުލް ވިދާޅުވީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ ސިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް ބޭނުންވާ ކޮންޒިއުމަބަލްސް އޯޑަރ ކުރުމުގެ އާންމު އުސޫލަކީ، ކޮންމެ 6 މަސް ދުވަހަކުން ޕްރޮކިއުމެންޓް އޯޑަރ އެއް ރެއިޒް ކުރުން ކަމަށެވެ. ނަމަވެސް މިއަހަރުގެ މިހާތަނަށް ދެވަނަ އޯޑަރ ރެއިޒް ކޮށްފައި ނުވާތީ، އެތަންތަނުން ޚިދުމަތް ދިނުމަށް ދަތިތަކާއި ކުރިމަތިވަމުން އަންނަ ކަމަށެވެ.
" އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައިވާ ގޮތުން މިހާރު ހޮސްޕިޓާ ތަކުންނާއި ހެލްތު ސެންޓަރ ތަކުން އެ ބޭފުޅުންގެ ޚިދުމަތްތައް މެނޭޖް ކުރައްވަމުން ގެންދަވަނީ އިމެޖެންސީ ސްޓޮކް ނުވަތަ ބަފަރ ސްޓޮކްގެ ތެރެއިން އެ ބޭފުޅުންނަށް ލިބެން ހުރި ވަސީލަތްތަކުގެ ބޭނުން ހިއްޕަވައިގެން. " ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ މި ހާލަތު މިގޮތަށް ދެމިގެން ހިންގައްޖެ ނަމަ، ނޮވެމްބަރު މަހާއި ހަމައަށް ނުވަތަ ނޮވެމްބަރުގެ މެދާ ހަމައަށް އަންނައިރު މި ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރު ތަކުގައި ދެމުންދާ ވަރަށް ގިނަ ޚިދުމަތްތައް އެކީއެކައްޗަކަށް ހުއްޓުން އެކަށީގެންވާ ކަމަށެވެ. އަދި އެކަންބޮޑުވުން ވަނީ ވަރަށް ބޮޑަށް ފާހަގަ ކުރެވިފައި ކަމަށް ވިދާޅުވިއެވެ.
މިއަހަރު ދެވަނަ އޯޑަރ މިހާތަނަށް ރެއިޒް ނުކުރެވި ވަނީ ބަޖެޓު ކޯޑުން އެ ފަރާތްތަކަށް ބޭނުންވާ ފައިސާ މިހާތަނަށްވެސް ހަމަޖެހިފައި ނެތުމުން ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
މީގެ އިތުރުން އައިޖީއެމްއެޗްގައި ބޭރުގެ ފަރާތްތަކާއި ގުޅިގެން ޤާއިމް ކުރެވިފައިވާ ހިތުގެ ބަލީގެ ސެންޓަރާއި ނާވް ސެންޓަރު ހިންގާ ކުންފުންޏަށް، މިގޮތަށް 5.3 މިލިއަން ޑޮލަރުގެ ބިލްތަކެއް ނުދައްކާ މިހާތަނަށް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށް ވިދަޅުވިއެވެ. މީގެ ތެރެއިންވެސް ބޮޑަށް ހިމެނެނީ މެޑިކަލް ކޮންޒިއުމަބަލްސް ބިލުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.