Last Updated: November 28, 21:08
Thursday, November 28, 2024
ޚަބަރު

އަތޮޅުތަކުގެ ބަސް ދަތުރަށް ކާޑު ބޭނުން ކުރެވޭނެ

އައްޑޫގައި އާރްޓީއެލްގެ ބަހެއް.

އެމްޓީސީސީން އަތޮޅުތެރޭގައި ފޯރުކޮށްދެމުން އާރްޓީއެލް ބަސް ޚިދުމަތުގައި މިހާރު ކޮންޓެކްޓްލެސް ޕޭމެންޓް ޒަރީއްޔާއިން ކާޑު ބޭނުންކޮށްގެން ދަތުރު ކުރެވޭނެ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން މިކަމާއި ގުޅޭގޮތުން ނެރެފައިވާ ނޫސް ބަޔާނުގައި ބުނީ ރާއްޖޭގެ 5 އަތޮޅެއްގައި ދެމުންދާ ބަހުގެ އާރްޓީއެލް ބަހުގެ ޚިދުމަތް ބޭނުން ކުރައްވާ ފަރާތްތަކަށް މިހާރު ކޮންޓެކްޓް ލެސް މާސްޓަރ ކާޑު އަދި ވިސާ ކާޑު ބޭނުން ކޮށްގެން ޚިދުމަތް ބޭނުން ކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. މިގޮތުން ބީއެމްއެލްގެ އިތުރުން އެހެން ބޭންކުތަކުގެ މާސްޓަރ ކާޑު އަދި ވިސާ ކާޑު މި ޚިދުމަތަށް ބޭނުން ކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެގޮތުން ކާޑު މެދުވެރިކޮށް އާޓީއެލް ބަހުގެ ޓިކެޓް ނެގޭނެއެވެ.

މި ޚިދުމަތުގެ ދަށުން ރައްތަކުގައި ފިކްސްޑް ފެއަރ ރޫޓާއި ޑިސްޓެންސް ފެއަރ ޓޫގައި ޚިދުމަތް ދެއެވެ. އެގޮތުން ފިކްސް ފެއަރ ރޫޓުގައި އެ ބަސް ކޮންމެ ހިސާބަކަށް ދިޔަ ނަމަވެސް ނަގާނީ އެއް އަގެކެވެ. އެހެން ނަނަމަވެސް ޑިސްޓެންސް ފެއަރ ރޫޓުގައި މަޑު ކުރާ ބަސް ސްޓޮޕަކާއި ހިސާބުން އަގު ނަގާނެއެވެ. މިގޮތަށް ވުމުން ފިކްސް ފެއަރ ރޫޓުގެ ކަސްޓަމަރުން ބަހަށް އަރަމުން ކާޑު ޖައްސާލުވުމުން ނިމުނީއެވެ. އެހެން ނަމަވެސް ޑިސްޓެންސް ފެއަރ ރޫޓުގައި ދަތުރު ކުރައްވާ ކަސްޓަމަރުން ބަހަށް އަރަމުން ޓެޕް އިން ކުރައްވާނީއެވެ. އަދި ފައިބަމުން ޓެޕް އައުޓް ކުރައްވަން ޖެހެއެވެ.

އެމްޓީސީސީން ވަނީ ޚިދުމަތް ބޭނުން ކުރައްވާ ފަރާތްތަކުން ޑިސްޓެންސް ފެއަރ ރޫޓުގައި ދަތުރު ކުރައްވާއިރު، ހަނދާނެތިވެ ޓެޕް އައުޓް ނުކުރާނަމަ މުޅި ރޫޓަށް ކާޑުން ފައިސާ ނެގޭނެ ކަމަށް ބުނެފައެވެ. އެހެން ކަމުން މިކަމަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އާރްޓީއެލް ބަހުގެ ޚިދުމަތް އަތޮޅު ތެރޭގައި ދެނީ، އައްޑޫސިޓީ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީގެ އިތުރުން ލ. ގަން، ލ. ފުނަދޫ އަދި ލ. އިސްދޫ/ކަލައިދޫ ގައެވެ. މީގެ އިތުރުންވެސް ދާދި ފަހުން ހއ. ދިއްދޫގައި ބަހުގެ ޚިދުމަތް ދޭން ވަނީ ފަށާފައެވެ. މި ޚިދުމަތަށް ކޮންޓެކްޓް ލެސް ޕޭމެންޓް ތައާރަފް ކުރިނަމަވެސް ކުރިން ނަގަމުން ދިޔަ އަގަކަށް ބަދަލެއް ނާންނާނެ އެެވެ.

އާރްޓީއެލް ބަހުގައި ދަތުރު ކުރައްވާ ފަރާތްތަކުން ތެރެއިން، 3 އަހަރުން ދަށުގެ ކުޑަކުދިންނާއި، 65 އަހަރުން މަތީގެ މީހުންނާއި އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހިލޭ ދަތުރު ކުރެވޭނެއެވެ. މިގޮތުން އުމުރު ޔަޤީން ކުރުމަށް އައިޑީ ކާޑު ދައްކަން ޖެހޭއިރު، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން އެންސްޕާ ކާޑު ދައްކަން ޖެހެއެވެ.

ބަހުގެ ޚިދުމަތުގެ އިތުރުން މިއަދު އެމްޓީސީސީން ވަނީ މާލެ ސަރަހައްދުގައި ދޭ ފެރީ ޚިދުމަތަށް ވެސް ކޮންޓެކްޓްލެސް ޕޭއިމެންޓް ތަޢާރަފްކޮށްފައެވެ.