ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ފަންޑް އެއްކުރަން އައްޑޫ ފޭދޫ އަވަށު އޮފީހާއި މިޝްކަތު ފައުންޑޭޝަން ގުޅިގެން މާދަމާ ވެހިކަލް ބުރެއް ބާއްވަން ނިންމައިފި އެވެ.
މި ވެހިކަލް ބުރު ފެށުމަށް ހަމަޖެހިފައި ވަނީ، 4:00 ޖަހާ އިރު ފޭދޫ އަވަށު އޮފީސް ކުރިމަތިންނެވެ. ވެހިކަލް ބުރުގައި ހަތަރު ސަރަހައްދަކަށް ހުއްޓަން ހަމަޖެހިފައިވެ އެވެ. ހުއްޓާ ސަރަހައްދުތަކުން ފަންޑަށް އެހީ ތެރިކަން ފޯރުކޮށް ދިނުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ.
ވެހިކަލް ބުރުގައި ހުއްޓާ ސަރަހައްދުތަކަކީ؛
* ކަޕް އޮފް ސީ ކުރިމަތި
* ފަހުދު ގާޑިޔާ ކުރިމަތި
* މަރަދޫ ފޭދޫ ސްކޫލު ކުރިމަތި
* މަރަދޫ ބަނދަރަށް
މި ވެހިކަލް ބުރުގައި ވީހާ ވެސް ގިނަ ބަޔަޖު ބައިވެރިވުމަށް ވެހިކަލް ބުރު އިންތިޒާމުކުރާ ފަރާތުން އެދެ އެވެ.
ފަލަސްތީނުގެ ރައްޔިތުންނާއި އެކު ދިވެހިން ތިބިކަން ހާމަކޮށް ގިނަ ހަރަކާތްތަކެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން މިިދިޔަ ހުކުރު ދުވަހު މުޅި ރާއްޖޭގައި ވެހިކަލް ބުރު/ހިނގާލުން އަދި އެއްވުންތައް ވަނީ ބާއްވައިފައެވެ. އެގޮތުން އައްޑޫގެ ގުޅިފައިވާ ރައްތަކުގައި ވެހިކަލް ބުރު ބޭއްވި އިރު ހުޅުމީދޫގައި ވެސް ވެހިކަލް ބުރެއް ބޭއްވި އެވެ.
ޔަހޫދީން ފަލަސްތީނުގެ ޤައްޒާގައި ދިރިއުޅެމުންދާ ރައްޔިތުންނާއި ދެކޮޅަށް ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް 2،500 އާ ގާތްކުރާ އަދަދަކަށް މީހުން ޝަހީދު ކޮށްލާފައިވާ އިރު، މީގެ ތެރެއިން 50 އަށް ވުރެ ގިނަ އާއިލާ ވަނީ އެއްކޮށް ފޮހެލައިފަ އެވެ.