އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ޑިސެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ވިސްނުން ހުރި ކަމަށް އެ ޕާޓޫން ބުނެފި އެވެ.
މަޖިލީހުގެ ހުރިހާ ދާއިރާއަކަށް އެމްޑީޕީން ވާދަކުރާނެ އެވެ. މަޖިލީހަށް އިތުރުވި ހަ ދާއިރާއާ އެކީ މަޖިލީހުގެ 20 ވަނަ ދައުރަށް ޖުމްލަ 93 މެމްބަރުން އިންތިހާބުކުރާނެ އެވެ. މަޖިލީހުގެ މިހާރު މެމްބަރުންގެ އަދަދަކީ 87 އެވެ.
މަޖިލީހުގެ މެޖޯރިޓީ ޕާޓީން ބުނީ ޑިސެމްބަރު މަހުގެ ތެރޭގައް ޕްރައިމަރީ ބާއްވަން ވިސްނުން ހުރި ނަމަވެސް އަދި ސީދާ ވަކި ތާރީހެއް ނުނިންމާ ކަމަށެވެ. އެކަމަކު ތާރީހަކާ މެދު ޕާޓީ ތެރޭގައި މަޝްވަރާކުރެވެމުން އަންނަ ކަމަށް ބުންޏެވެ. އެ ޕާޓީން ބުނި ގޮތުގައި ޑިސެމްބަރުގައި ޕްރައިމަރީ ބާއްވަން ބޭނުން ވަނީ ޖެނުއަރީ މަހުގެ ތެރޭގައި މާލެ އަށް މޭޔަރަކު އިންތިހާބު ވެސް އޮންނާތީ ކަމަށެވެ.
އެމްޑީޕީގެ ޓިކެޓް މަޖިލީހުގެ އެކި ދާއިރާތަކަށް ވާދަކުރަން ވަރަށް ގިނަ ބަޔަކު މިހާރު އަންނަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.
މަޖިލީސް އިންތިހާބު އޮންނާނެ ތާރީހެއް އިލެކްޝަން ކޮމިޝަން (އީސީ) އިން އަދި އިއުލާނެއް ނުކުރެ އެވެ. އެކަމަކު އިންތިހާބު އޮންނާނެ ކަމަށް ބެލެވެނީ މާޗްގެ ފަހުކޮޅު ނުވަތަ އެޕްރީލްގެ ކުރީކޮޅު އެވެ.