އައްޑޫ ހައި ސްކޫލް (އޭއެޗްއެސް) ގެ ޓީމެއް ތަޖުރިބާ ދަތުރެއްގައި ލ. އަތޮޅަށް ޒިޔާރަތް ކުރަން ދައުވަތު ދީފި އެވެ.
މި ދައުވަތު އެ ސްކޫލަށް އަރުވާފައި ވަނީ ލ. ގަމުގައި ހުންނަ ހަމަދު ބިން ހަލީފާ އަލްސާނީ ސްކޫލްގެ ޓީމުން އައްޑޫ ހައި ސްކޫލަށް މިހާރު ކުރަމުން އަންނަ ތަޖުރިބާ ދަތުރުގެ ތެރޭގަ އެވެ.
އެ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ޝައުކަތު ވިދާޅުވީ އައްޑޫ ހައި ސްކޫލުން ކައިރި މުސްތަގުބަލެއްގައި ހަމަދު ސްކޫލަށް ޒިޔާރަތް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އެ ޓީމް އައްޑު އަށް ކުރާ ދަތުރުގައި ގްރޭޑް 11-12 ގައި ކިޔަވާ 32 ދަރިވަރަކާއި ނުވަ އޮފިޝަލުން ހިމެނެ އެވެ.
ޝައުކަތު ވިދާޅުވީ ދަރިވަރުން ތިބެނީ އައްޑޫ ހައި ސްކޫލްގެ ދަރިވަރުންގެ ގޭގައި ކަމަށެވެ. އަދި އޮފިޝަލުން ތިއްބަވަނީ ހައި ސްކޫލްގެ އެކަމޮޑޭޝަނުގަ އެވެ.
ޝައުކަތު ވިދާޅުވީ، އައްޑޫ ހައި ސްކޫލަކީ ތައުލީމީ ދާއިރާގައި ފާހަގަކޮށްލެވޭ ބޮޑެތި ކާމިޔާބީތަކެއް ވެސް ހޯދަމުން އަންނަ ވަރަށް "ޑިސިޕްލިން" ސްކޫލެއް ކަމަށެވެ.
"އަޅުގަނޑުމެން ކުރާ މިފަދަ ފުރަތަމަ ތަޖުރިބާ ދަތުރު އައްޑޫ ހައި ސްކޫލަށް ކުރަން ބޭނުންވި ސަބަބުތަކުގެ ތެރޭގައި އެ ސްކޫލްގެ މެނޭޖްމަންޓުން، ސްކޫލް ކުރި އަރުވައި ތައުލީމީ ދާއިރާ އަށް ދޭ ސަމާލުކަން އަޅުގަނޑުމެންނަށް ވަރަށް ބޮޑަަށް ފާހަގަ ކުރެވިފައި އޮތުން ހިމެނޭ،" އޭނާ ވިދާޅުވި އެވެ. "އެހެންވެ މި ތަނަށް އައިސް އަމިއްލަ މިކަން ތަޖުރިބާކޮށްލާނެ ފުރުސަތު އަޅުގަނޑުމެންނަށް ލިބިގެން ދިއުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް. ހިތްހަމަޖެހުމެއް."
ހަމަދު ޓީމުން އައްޑު އަށް ކުރާ ތަޖުރިބާ ދަތުރަކީ މިދިޔަ މަހުގެ 27 އިން މި މަހުގެ 6 ވަނަ ދުވަހާ ހަމައަށް ކުރާ ދަތުރެކެވެ.
އެ ސްކޫލްގެ ޓީމް އިއްޔެ ވަނީ އައްޑޫ ސިޓީ ކައުންސިލާ ވެސް ބައްދަލުކޮށްފަ އެވެ. އަދި މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އަށް ވަނީ ހަނދާނީ ފިލައެއް ވެސް އަރުވައިފަ އެވެ.
"އައްޑޫ ހައި ސްކޫލާއި އައްޑޫ ސިޓީ ކައުންސިލާއި މި ދަތުރުގައި އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަކަށް ވަރަށް ބޮޑަށް ޝުކުރު ވެސް ދަންނަވަން ބޭނުން. އަޅުގަނޑުމެންގެ ސްކޫލަށް ޒިޔާރަތް ކުރުމުގެ ދައުވަތު ވެސް އައްޑޫ ހައި ސްކޫލަށް އަރުވަން،" ޝައުކަތު ވިދާޅުވި އެވެ.