އަހަރުގެ ބާކީ ބަޔަށް ދައުލަތުގެ ޙަރަދުތައް ހަމަޖެއްސުމަށް އިތުރު 6.5 ބިލިއަން ރުފިޔާ ސަޕްލިމެންޓަރީ ބަޖެޓެއް ސަރުކާރުން މަޖިލީހަށް ހުށަހަޅައިފިއެވެ.
މި ބަޖެޓާއި ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން ބުނީ، މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް މިއަހަރު ޙަރަދުވާނެ ކަމަށް ބެލެވޭތީ ޤާނޫނާއި އެއްގޮތްވާ ގޮތުގެ މަތިން މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާފައިވާ ކަމަށެވެ. މިއަހަރު ދައުލަތަށް ޙަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މިހާރު ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓާއިއެކު، 49.3 ބިލިއަން ރުފިޔާއަށް މިއަހަރުގެ ޖުމްލަ ބެޖެޓު އަރާނެއެވެ.
ފިނޭންސުން ސަޕްލިމެންޓްރީ ބަޖެޓުގައި މައިގަނޑު ގޮތެއްގައި ހިމަނާފައިވަނީ ސަބްސިޑީ އަދި އާސަންދައަށާއި، ޕީއެސްއައިޕީގެ އިތުރުން ސަރުކާރު ކުންފުނިންތަކުގެ ކެޕިޓަލް ކޮންޓްރިބިއުޝަން އިތުރު ކުރުމަށް ބޭނުންވާ ފައިސާއެވެ.
ފިނޭންސުން ބުނި ގޮތުގައި މިއަހަރު ޕީއެސްއައިޕީ ހިންގުމަށް ބަޖެޓު ކުރި މިންވަރަށް ވުރެ ބޮޑަށް އެނޫން ޙަރަދުތައްވެސް ހިނގައި، ބަޖެޓުގެ ޙަރަދު ކުޑަ ކުރުމަށް ރާވައިފަވާ ފިޔަވަޅުތައް އެގޮތަށް ތަންފީޒު ނުވާ ކަމަށެވެ. އެހެން ކަމުން އެކަމުން ލިބޭނެ ކަމަށް ލަފާ ކުރި ސޭވިންގްސް މިހަރު ދައްވެފައިވާ ކަމަށް މިނިސްޓްރީން ބުނެވެ.
ފިނޭންސުން ވަނީ ސަޕްލިމެންޓަރީ ބަޖެޓުގެ ތަފްސީލުތައްވެސް ހާމަކޮށްފައެވެ. އެގޮތުން ދައުލަތުގެ ދުވަހުން ދުވަހަށް ކުރަން ޖެހޭ ރިކަރެންޓް ޙަރަދުތަކަށް ބަލާއިރު، ސަބްސިޑީސް އަދި އާސަންދައަށް ވަނީ ހިމަނާފައެވެ. އެގޮތުން އާސަންދައަށް މިއަހަރު ކަނޑައެޅި 1.045 ބިލިއަން ރުފިޔާ ހުސްވެފައިވާއިރު، އިތުރަށް 1.26 ބިލިއަން ރުފިޔާ ސަޕްލިމެންޓަރީ ބަޖެޓުގައި ވަނީ ޖަހާފައެވެ. މިއާއެކު ޖުމްލަ މިއަހަރު އާސަންދައަށް 2.3 ބިލިއަން ރުފިޔާ ޙަރަދުވާނެ ކަމަށް ސަރުކާރުން ލަފާ ކުރެއެވެ. މިއީ މިއަހަރު ލަފާ ކުރިވަރަށް ވުރެ 2 ގުނަ އިތުރު އަދަދެކެވެ.
ދައުލަތުން ސަބްސިޑީސްތަކަށް މިއަހަރު 2.4 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ޙަރަދުތައް ބޮޑުވެފައިވާ ދަނޑިވަޅުގައި ސަބްސިޑީސްއަށް އިތުރު 1.86 ބިލިއަން ރުފިޔާ ވަނީ ސަޕްލިމެންޓަރީ ބަޖެޓަށް ލާފައެވެ. މިއާއެކު މިއަހަރު ޖުމްލަ 4.32 ބިލިއަން ރުފިޔާ ސަބްސިޑީސްތަކަށް ޙަރަދުވާނެ އެވެ.
މީގެ އިތުރުން ދައުލަތުން މިހާތަނަށް ކަނޑައެޅި އެންމެ ބޮޑު ޕީއެސްއައިޕީ 8.5 ބިލިއަން ރުފިޔާގެ ޕީއެސްއައިޕީ ބަޖެޓުވެސް މިވަނީ މަދުވެފައެވެ. އެގޮތުން އިތުރު 1.7 ބިލިއަން ރުފިޔާ ހިމަނައި، 10.3 ބިލިއަން ރުފިޔާ މިއަހަރު ޖުމްލަ ޙަރަދުވާނެ ކަމަށް ސަރުކާރުން ވަނީ އަންދާޒާކޮށްފައެވެ.
ސަރުކާރުގެ ކުންފުނިތަކަށް ފައިސާ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާއިރު، ދައުލަތުން ކޭޝް ފްލޯ ހަމަޖެއްސުމަށް އިތުރަށް ކެޕިޓަލް ކޮންޓްރިބިއުޝަން ދޭން މި ބަޖެޓުގައި ހިމެނިފައިވެއެވެ.