ބީއެމްއެލްގެ ކޭޝް ކާޑުތަކުގެ ޑިޒައިނަށް ބަދަލު ގެނެސް އައު ކާޑުތައް ރާއްޖޭގެ އެންމެ ގިނަ ބަޔަކު ބޭނުން ކުރާ ބީއެމްއެލްއިން ތަޢާރަފްކޮށްފިއެވެ.
އެކުންފުނިން ބުނީ މި ކާޑުތަކަކީ ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ އަދި ރީސައިކަލްކޮށްފައިވާ މެޓީރިއަލްގައި ޕްރިންޓްކޮށްފައިވާ ކާޑުތަކެއް ކަމަށެވެ. އަލަށް ތައާރަފްކުރި ކާޑުތަކުގައި ބޭނުންކޮށްފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުން ރާއްޖޭގެ ފޮޓޯ ގްރާފަރުން ނަގާފައިވާ ރީތި މަންޒަރުތަކެވެ. އެގޮތުން ރެދަން ލާފައިވާ މަންޒަރާއި މުރަކަ އަދި ގޮނޑުދޮށް މި ކާޑުތަކުން ދައްކުވައިދެއެވެ.
އައު ކާޑުތަކާއި ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ރާއްޖޭގެ ގުދުރަތީ ރީތިކަން މި ކާޑުތަކުގެ ޒަރިއްޔާއިން ދައްކުވައިދިނުމަކީ އަންނަން އޮތް ޖީލުތަކަށް ރާއްޖޭގެ ރީތި، ނަމަވެސް ނާޒުކު ވެށި ހިމާޔަތް ކުރުމަށް ކަސްޓަމަރުން މެދުގައި ޒިންމާދާރުކަމުގެ އިހުސާސް އުފެއްދުމަށް އެހީތެރިވުމަށް ބޭންކަށް ލިބޭ ފުރުސަތެއް ކަމަށެވެ.
އަދި އަލަށް ތައާރަފްކުރި ކާޑުތައް އުފައްދާފައިވަނީ ރީސައިކަލް ޕްލާސްޓިކްގައި ކަމަށްވުމުން، މިއީ ވިޔަފާރީގައި ދެމެހެއްޓެނެވި ގޮތެއްގައި ކަންކަން ކުރުމަށް ކުރާ މަސައްކަތެއް ކަމަށް ވިދާޅުވިއެވެ. އަދި ކާޑުތަކަކީ ހަމައެކަނި ބަލާލަން ރީތިކާޑުތަކެއް ނޫންކަމަށާއި މިއީ ދުނިޔޭގެ ތިމާވެއްޓަށް ރައްކާތެރި ކާޑުތަކެއް ކަމަށް އެނާ ފާހާގަ ކުރެއްވިއެވެ.
އައު ޑިޒައިންތަކަކީ ބޭންކުގެ ވިސާ އަދި މާސްޓަރކާޑުގެ ޑެބިޓް އަދި ކްރެޑިޓް ކާޑަށް ތައާރަފްކުރި ޑިޒައިންތަކެކެވެ. ބީއެމްއެލް ވިސާ ކްރެޑިޓް ގޯލްޑް ކާޑާއެކު އަލަށް ތައާރަފްކުރި ކާޑުތައް މިއަދުން ފެށިގެން ދޫކުރާނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.