އަންހެނުންނާއި އަންހެން ކުދިންގެ ހިމާޔަތުގައި މަސައްކަތް ކުރާ ޖެހިލުން ކުޑަ ފުލުހެއްގެ ރޯލް ފިލްމް "މަރުދާނީ" ގައި ދައްކުވައި ދީގެން ރާނީ މުކަރުޖީ ނެޝަނަލް އެވޯޑެއް ހާސިލްކޮށްފި އެވެ.
ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްޅާގެ ޕްރޮޑަކްޝަން ހައުސް ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ގެނެސް ދިން އެ ފިލްމުގައި ރާނީ ކުޅެފައި ވަނީ އަންހެނުންނާއި ކުޑަ އަންހެން ކުދިންގެ ވަގުފާރި އާއި ރޭޕްކުރުންތަކުން ސަލާމަތް ކުރަން މަސައްކަތް ކުރާ ހިތްވަރު ގަދަ، ކްރައިމް ބްރާންޗްގެ ސީނިއާ އިންސްޕެކްޓަރެއްގެ ރޯލެވެ.
"މަރްދާނީ" ޑައިރެކްޓްކޮށްފައި ވަނީ "ޕަރިނީތާ" ގެ ޑައިރެކްޓަރު ޕްރަދީޕް ސަރުކާރެވެ.
މި ފިލްމަށް އިންޑިއާގެ އިތުރުން ބޭރުގެ ބައެއް ގައުމުތަކުން ވެސް ވަރަށް ބޮޑު މަގުބޫލް ކަމެއް ލިބިފައިވެ އެވެ. އަދި ރާނީ ކުޅެފައިވާ އާދަޔާހިލާފް ރޯލަށް ގިނަ ބައެއްގެ ތައުރީފް އޮހިގެން ގޮސްފައިވެ އެވެ.
ދާދި ފަހުން "މަރްދާނީ" ވަނީ ޕޮލަންޑްގައި ވެސް ޕްރިމިއާކޮށްފަ އެވެ.
އެ ފިލްމުގައި ރާނީ އާންމުންނަށް ގެނެސް ދިން މެސެޖް ފާހަގަކޮށް، އެ ފިލްމަކީ މުޖުތަމައަށް ވަރަށް ބޭނުންތެރި އިބްރަތެއް ހާސިލްވާ ފިލްމެއް ކަމަށް ނިންމައި ރާނީ އަށް ނެޝަނަލް އެވޯޑް އަރުވާފައި ވަނީ ދިއްލީގައި އޮތް ހާއްސަ ހަފުލާއެއްގައި ނެޝަނަލް އިންސްޓިޓިއުޓް އޮފް ޖެންޑަ ޖަސްޓިސްގެ ފަރާތުންނެވެ.
ރާނީ އަށް އެރުވި "ބެސްޓް ރެޕްރެޒެންޓޭޝަން އޮފް ދަ ކޯޒް އޮފް ސޭފްޓީ، ސެކިއުރިޓީ އެންޑް ޕްރޮޓެކްޝަން ވިމެން އެންޑް ގާލް ޗައިލް" އެވޯޑް އޭނާ އާ ހަވާލުކޮށް ދެއްވީ އެ އިންސްޓިޓިއުޓްގެ ޗެއާޕާސަން ސްރީރްޕާ މިތުރާ ޗައުދަރީ އެވެ.
އެވޯޑާ ހަވާލުވުމަށް ފަހު ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާ ހުނަރުވެރި ބަތަލާ ބުނީ "މަރްދާނީ" ފަދަ ފިލްމެއް ބެލުންތެރިން ވަރަށް ބޮޑަށް ބަލައިގެންފައިވާތީ އެކަމާ ވަރަށް އުފާވާ ކަމަށެވެ.
އަދި ފިލްމް ފަދަ ވަސީލަތްތަަކަކީ މުޖުތަމައު ބިނާ ކުރަން ބޭނުން ކުރެވިދާނެ ވަރަށް ވަރުގަދަ ވަސީލަތެއް ކަމަށް ރާނީ ބުންޏެވެ.
"އެކަން މަރްދާނީން ސާބިތުވެއްޖެ. އެއީ ހަމައެކަނި ފިލްމެއްގެ ގޮތުގައި މީހުން ބަލައިގަތް ފިލްމެއް ނޫން. އެއަށް ވުރެ ފުޅާކޮށް، އެއަށް ވުރެ ބޮޑަށް އޭގެން ދައްކުވައި ދިން ހާދިސާތަކުން ވަރަށް ގިނަ ބަޔަކު ވަނީ އިބްރަތްތެއް ހާސިލްކޮށްފައި،" ރާނީ ބުންޏެވެ.
ރާނީ ވަނީ ސިނަމާ އަށް އޭނާ ކޮށް ދީފައިވާ އަގުހުރި މަސައްކަތުގެ އަގުވަޒަންކޮށް ގައުމީ ފެންވަރުގެ އެވޯޑެއްް ދިން ކަމަށްޓަކައި، އެކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކަކަށް ވަރަށް ހާއްސަ ޝުކުރެއް ވެސް އަދާކޮށްފަ އެވެ.