Last Updated: November 28, 21:08
Thursday, November 28, 2024
ޚަބަރު

މަދުވެގެން އައު 13 އެއާޕޯޓު ތަރައްޤީ ކުރާނެ

ޑރ. މުޢިއްޒު ޖީއެމް ފައްޓަވައި ދިނުމުގެ ރަސްމީއްޔާތުގައި / ފޮޓޯ: ޑރ. މުޢިއްޒު ޓީމް:

ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީ ކުރުމަށް މިހާރު އަމާޒަކީ މަދުވެގެން އައު 13 ޑޮމެސްޓިކް އެއާޕޯޓު ތަރައްޤީކޮށް ވެލާނާ އެއާޕޯޓު ވީ އެންމެ އަވަހަށް ނިންމުން ކަމަށް އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ހޮޓަލިއަ މޯލްޑިވްގެސް ޖީއެމް ފޯރަމް ފައްޓަވައި ދެއްވަމުން ދެއްކެވި ވާހަކަފުޅުގައި ޑރ. މުޢިއްޒު ވަނީ އެމަނިކުފާނުގެ ފަސް އަހަރަށް މި ސިނާޢަތް ކުރިއެރުވުމަށް އެންމެ މުހިންމުކޮށް ކުރަން ޖެހޭ ބައެއް ކަން ހިއްސާ ކުރައްވާފައެވެ. އެގޮތުން މިއަހަރު ރާއްޖެ ޒިޔާރާތް ކުރާ ފަތުރުވެރިންގެ އަދަދު 2 މިލިއަނާއި ގާތް ކުރުމަށް ދާއިރު، ކާމިޔާބީ އަށް ވާސިލްވުމަށް ގިނަ ބަޔަކު ކޮށްދެއްވި މަސައްކަތް ފާހަގަ ކުރެއްވިއެވެ.

އެމަނިކުފާނު ވަނީ ފަތުރުވެރިކަމުގެ ތަރައްޤީއަށް އެމަނިކުފާނުގެ ދައުރުގައި ކުރެވޭނެ މުހިންމު ތިން ކަމެއް މެނިފެސްޓޯއިން ފާހަގަކޮށްދެއްވާފައެވެ. އެގޮތުން ފުރަތަމަ ކަމަކަށް މިހާރު ނުނިމި ހުރި ވެލާނާ އެއާޕޯޓުގެ އައު ޓާމިނަލް ބިލްޑިންގް އަންނަ އަހަރުގެ ޕީކް ސީޒަން އަންނަން ވާއިރަށް ނިންމަން ކޮންޓްރެކްޓަރުންނާއި ވާހަކަ ދައްކައި މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

" ރާއްޖޭގެ އައު ދޮރާއްޓާއި އެކު (ވެލާނާ އެއާޕޯޓު ޓާމިނަލް ބިލްޑިންގް) މަދުވެގެން 13 އައު ޑޮމެސްޓިކް އެއާޕޯޓު އަންނާނެ. މީގެ އިތުރުން ދެކުނަށް ސީޕްލޭން ހަބެއް ގެނެވޭނެ. މި ހުރިހާ އެއްޗަކާއި އެކު އައު ވައިގެ ދަތުރުފަތުރުގެ ގްރިޑުން އަޅުގަނޑުމެންގެ ޓުއަރިސް ރިސޯޓުތައް އިތުރު ކުރުމާއި ގެސްޓް ހައުސް އެނދު އިތުރު ކުރުމުގެ ފުރުސަތު ލިބޭނެ " ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ފަތުރުވެރިކަން މާކެޓު ކުރުމަށް ހަމައެކަނި މިނިސްޓްރީ އަދި އެމްއެމްޕީއާރްސީގެ މަސައްކަތް ކުރުމުގެ ބަދަލުގައި އެކި ޤައުމުތަކުގައި ޤާޢިމް ކުރެވިފައިވާ ސަރުކާރުގެ ޑިޕްލޮމެޓިކް މިޝަންތަކުން އެހީވެދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ވަނީ މިފަހުން އަނެއްކާވެސް ހުޅުވުނު ޗައިނާ މާކެޓު އަދި ދުނިޔޭގެ އެހެން މަންޒިލްތަކަށް ދަތުރު ކުރުމަށް ޤައުމީ އެއާލައިނަށް ވައިޑް ބޮޑީ ބޯޓުތަކެއް ހޯއްދަވާނެ ކަމަށް ވިދާޅުވެފައެވެ. މިއާއެކު އެމްއޭސީއެލް އަދި މޯލްޑިވިއަންގެ ހިންގުން ހަރުދަނާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.