ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ކަމަށް ވާދަކުރައްވަން ނިންމަވާފައިވާ އަހުމަދު ތޯރިގް (ޓޮމް) އަށް ތާއީދު ކުރަން ކުރީގެ މަޝްހޫރު ކީޕަރު އިމްރާން މުހައްމަދު ނިންމައިފި އެވެ.
އެފްއޭއެމްގެ ރައީސް ކަމަށް ވާދަކުރައްވަން ނިންމެވިކަން މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އިއުލާން ކުރެއްވީ އިއްޔެ އެވެ. ކުރިން ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވުނު ޓޮމް އަކީ ކުރިން ވެސް އެފްއޭއެމްގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ.
ޓޮމް އަށް ތާއީދު އޮތްކަން ހިއްސާކޮށް އިމްރާން ފޭސްބުކް ޕޯސްޓެއްގައި ބުނީ ޓޮމްގެ ނިންމެވުން ރަނގަޅު ކަމަށާއި އޭނަގެ ކިބައިގައި ކަންކުރެވޭނެ ގާބިލުކަމާއި ހުނަރު ހުންނާނެ ކަމާމެދު އެއްވެސް ސުވާލެއް ވެސް ނެތް ކަމަށެވެ.
"ފުޓުބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމުގައި ކުލަބުތަކާއި ފުޓްބޯޅަ ކޮމިއުނިޓީގެ އެހީތެރިކަން ދެއްވުން އެދެން. އަޅުގަނޑުގެ ތާއީދާއި އެއްބާރުލުން ތާރިގަށް. ކާމިޔާބީއަށް އެދެން." އިމްރާން ބުންޏެވެ.
ޓޮމް އިއްޔެ ވިދާޅުވެފައި ވަނީ ރާއްޖޭގެ ފުޓްބޯޅަ މިހާރު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމުގައި ކުލަބުތަކާއި ފުޓްބޯޅަ ކޮމިއުނިޓީގެ އެހީތެރިކަން އޭނަ އަށް ދޭން އެދިވަޑައިގަންނަވާ ކަމަށެވެ.
އެފްއޭއެމްގެ ރައީސް ކަމަށް މަޝްހޫރު ކުޅުންތެރިޔާ އަލީ އަޝްފާގު ގެންނަން ވެސް އޭނަގެ ސަޕޯޓަރުންތަކެއް އަންނަނީ ކެމްޕޭން ކުރަމުންނެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ރައީސަކީ އެ މަގާމުގައި ހުންނަވާތާ ގިނަ ދުވަސްތަކެއްވީ ބައްސާމް އަދީލް ޖަލީލެވެ.