ރާއްޖޭގެ ފުޓްބޯޅަ މިހާރު ވެއްޓިފައި އޮތް ހާލަތުން އަރައިގަތުމަށްޓަކައި ބޭނުން ވަނީ ރަނގަޅު ސިސްޓަމެއްގެ ދަށުން ހަރުދަނާ މަސައްކަތްތަކެއް ކުރުން ކަމަށާއި މިކަމަށް ވަކި މީހަކު ނުވާ ކަމަށް ކުރިން ކުޅުންތެރިއެއްގެ ގޮތުގައި އާއި ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ އަހުމަދު މަރުޒޫގް ބުނެފި އެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭމްގެ ރައީސްކަމުގެ ކެމްޕޭން ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި އޮލިމްޕިކްގެ ކޮމިޓީފެ ރައީސްކަން ވެސް ކޮށްފައިވާ މަރުޒޫގް ފޭސްބުކް ޕޯސްޓެއްގައި ބުނީ މީހުންނަށް ވުރެ މުހިންމީ ސިސްޓަމެއް ގާއިމު ކުރުން ކަމަށެވެ. އޭނަ ވިދާޅުވި ގޮތުގައި އެކަން ކުރެވޭނީ އެފްއޭއެމްގެ އަސާސީ ގަވައިދު ވެސް ބަދަލުކޮށްގެންނެވެ.
މަރުޒޫގް ފާހަގަކުރި ގޮތުގައި މާލޭގައި އުޅޭ މަދު ކްލަބްތަކަކަށް އެފްއޭއެމްގެ ބާރު ލިބޭ ގޮތަށް އޮތް އޮތުން ބަދަލުރަން ޖެހެ އެވެ.
"ޝައްކެތް ވެސް ނެތް ގޮތުގައި ފަސްޓް ޑިވިޝަން ކޮލަބްތަކުން ވޭތުވެދިޔަތާ ދިވެހި ފުޓްބޯޅައަށް ގިނަގުނަ ހިދުމަތްތަކެއް ކުރި. ނަމަވެސް މި ކުލަބްތަކަށް ވެސް ދުރު މުސްތަގުބަލުގައި އެންމެ ފައިދާ ހުރި ގޮތަކީ މިހާރު އޮތް ބާރު ދޫކޮށްލައި ވޯޓިން ރައިޓްސް ރާއްޖޭގެ އެކި ކަންކޮޅުތަށް ފަތުރާލުން." އޭނަ ބުންޏެވެ.
ރާއްޖޭގެ މިހާރުގެ މަޝްހޫރު ކޯޗެއް ކަމަށްވާ މުހައްމަދު ނިޒާމުގެ ކޮއްކޮ ބުނީ އެފްއޭއެމްގައި އެގްޒެޖެޓިވް ކޮމެޓީ ކޮންޕޮޒިޝަން ބަދަލުކޮށް ޕްރިމިއާ ލީގުގެ ކްލަބުތަކަށް ދެ ޖާގަ އަދި ޒޯންތަކަށް މަދުވެގެން ހަތަރު ޖާހަ އާއި އަންހެން ދެ މެމްބަރުންގެ އިތުރުން ރައީސް އަދި ދެ ނައިބު ރައީސުން އިންތިހާބު ކުރަން ޖެހެ އެވެ.
"އަދި މި މަގާމުތަކަކީ ކްލަބް ރެޕްރެޒެންޓޭޝަން ކޮންމެ އިންތިހާބަކަށް ރޮޓޭޓްވާ ގޮތަށް އޮތުން މުހިންމު. މަގާމުތަކަށް މީހުން ނޮމިނޭޓްކުރުމުގައި ކުލަބްތަކުން ނޮމިނޭޓް ކުރާއިރު އެ ކްލަބެއްގެ އެއްވެސް މަގާމެއް ފުރާ މީހަކު ނޮމިނޭޓް ނުކުރުނަ މުހިންމު." މަރުޒޫގް ބުންޏެވެ.
އޭނަ ބުނި ގޮތުގައި 2014 ގައި ފީފާ އިން އެފްއޭއެމްގެ އަސާސީ ގަވައިދު އިސްލާހު ކުރަން ބޭއްވި ބައްދަލުވުމުގައި ވެސް އެ ހުށަހެޅުންތައް ހުށަހެޅި އެވެ. ނަމަވެސް އޭރު ފަސްޓް ޑިވިޝަންގެ ކުލަބްތަކުން ބޭނުންވީ އެ މީހުންގެ ބާރު އޮންނަ ގޮތަށް ގަވައިދު ބަދަލު ކުރަން ކަމަށް ބުންޏެވެ.
"މިއަދު އެއިން ގިނަ ކްލަބްތައް ފަސްޓް ޑިވިޝަންގައި ނެތް އަދި އެބާރެއް ވެސް ނެތްކަން ފާހަގަކޮށްލާނަން. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ފުޓްބޯޅަ ބޭނުންވާ ވިޝަން ހާސިލްކުރަން އެންމެ މުހިންމު ވެހިކަލްއަކަށް ވާނީ އަސާސީ ގަވައިދު. މީ އަޅުގަނޑުގެ ހިޔާލު." މަރުޒޫގު ބުންޏެވެ.
އެހެންވެ އެފްއޭއެންގެ އަސާސީ ގަވާއިދު އިސްލާހުކޮށްގެން ނޫނީ ރާއްޖޭގެ ފުޓްބޯޅަ އަށް ރަނގަޅު ކުރިމަގެއް ނެތް ކަމަށް ބުންޏެވެ.
"ދިވެހި ފުޓްބޯޅަ ރަނގަޅު ކުރަން އެފްއޭއެމްގެ ރައީސްކަމަށް ފްލެރެންޓީނޯ ޕެރޭޒް ވެސް ގެނެވިދާނެ. އަދި ސީއިއޯއަކަށް ޕީޓަ ކެންޔަން ވެސް ގެނެވިދާނެ. އަދި ނެޝަނަލް ޓީމްގެ ކޯޗަކަށް ޕެޕް ގާޑިއޯލާ ގެނެސް ޓެކްނިކަލް ޑައިރެކްޓަރަކަށް މައިކަލް ޒޯކް ވެސް ގެނެވިދާނެ،" ރާއްޖޭގެ ކުރީގެ މަޝްހޫރު ކުޅުންތެރިއެއް ކަމަށްވާ އައްޑޫ ފޭދު އަށް ނިސްބަތްބާ ޖޯޖްގެ ދަރިފުޅު މަރުޒޫގް ބުންޏެވެ. "ނަމަވެސް ހަމަ އެ މީހުން ވެސް ވާނީ ފެއިލް. މީހުންނަށް ވުރެ މަގޭ ނަޒަރުގައި މުހިންމީ ސިސްޓަމެއް ގާއިމު ކުރުން."