Last Updated: November 29, 17:51
Friday, November 29, 2024
ޚަބަރު

އައްޑޫން ގޯތި ލިބުނު މީހުންނާ ބިން ހަވާލު ކުރަނީ

އައްޑޫން ގޯތި ލިބުނު މީހުންނަށް އަންނަ މަހުގެ ތެރޭގައި ބިންތައް ހަވާލުކުރަން ތައްޔާރުވަމުން އަންނަ ކަމަށް ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން ބުނި ގޮތުގައި ބިންތައް ހަވާލުކުރަން ފެށުމުގެ ގޮތުން އެކަމާ ގުޅޭ އެންމެ ފަހު މަރުހަލާގެ މަސައްކަތްތައް ކައުންސިލުން މިހާރު އަންނަނީ ކުރަމުންނެވެ. ނަމަވެސް ބިންތައް ހަވާލުކުރާނެ ސީދާ ތާރީހެއް ކައުންސިލުން އަދި ނުނިންމަ އެވެ.

މި އަހަރުގެ ކުރީކޮޅު އައްޑޫން ހަތަރު އަވަށަކުން ޖުމްލަ 1،000 ގޯއްޗަށް ހުޅުވައިލި އެވެ. އެއީ ހިތަދޫން 500 ގޯއްޗާއި ފޭދޫން 300 ގޯއްޗާއި ހުޅުމީދޫ ހިމެނޭ ގޮތަށް 200 ގޯއްޗެކެވެ. މީގެ ތެރެއިން ހުޅުމީދޫން ދޫކުރަން ނިންމީ 2،000 އަކަފޫޓްގެ ގޯތި ނަމަވެސް އަނެއް ދެ އަވަށުން ދޫކުރަން ނިންމީ 1،500 އަކަފޫޓްގެ ގޯއްޗެވެ.

ގޯއްޗަށް ހުޅުވައިލުމުން 4،000 އަށް ވުރެ ގިނަ މީހުން ގޯއްޗަށް އެދި ހުށަހެޅި އެވެ. އެހެންވެ ކައުންސިލުން ނިންމާފައި ވަނީ ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދިނުމަށެވެ.

މޭޔަރު އަލީ ނިޒާރު ދާދި ފަހުން ވިދާޅުވި ގޮތުގައި ގޯތި ލިބުނު މީހުންނަށް އެ ގޯތިތަކުގައި ގެ އިމާރާތްކުރަން ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށް ދޭން ވެސް ކައުންސިލުން މަސައްކަތްކުރާނެ އެވެ.

އައްޑޫން 1،000 ގޯއްޗަށް ހުޅުވައިލީ ދިރިއުޅުމަށް ގޯތި ދޫނުކުރާތާ ވަރަށް ގިނަ އަހަރުތަކެއް ފަހުންނެވެ.