މިވަގުތު ގޭ ބަނދުގައި ހުންނެވި ކުރީގެ ރައީސް، އަބްދުﷲ ޔަމީން މިނިވަން ކުރުމުގެ މަސައްކަތައް އިންތިޤާލީ އެއްވެސް ކޮމެޓީއެއް އެކުލަވާލާފައި ނުވާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން ހާމަކުރައްވައިފިއެވެ.
އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޔާމީންގެ މައްސަލައާއި ގުޅޭގޮތުން ވަނީ ސުވާލުކޮށްފައެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ޚަލީލް ވިދާޅުވީ، ރައީސް ޔަމީން މިނިވަން ކުރުމުގެ މަސައްކަތައް މި މަރުހަލާގެ ތެރެއިން ވަކި ހާއްސަ ކޮމެޓީއެއް އެކުލަވާލައްވާފައި ނުވާ ކަމަށެވެ.
"ރައީސް ޔާމީން މިނިވަން ކުރުމާއި ގުޅޭގޮތުން ހާއްސަ ކޮމެޓީއެއް އެބައޮތްތޯ؛ އެކަހަލަ ޙާއްސަ ކޮމެޓީއެއް ނެތް، ސާފު ޖަވާބެއް އަރުވާކަމަށް ވާނަމަ. " ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލްގެ ޖަވާބުގައި ވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒުވެސް މީގެ ކުރިން ވިދާޅުވެފައިވާ ވާހަކަތަކެކެވެ. އެގޮތުން އެ މަނިކުފާނު ހުވާ ކުރެއްވުމާއި ހަމައަށް ރައީސް ޔަމީން މިނިވަންވެވަޑައިގެންފައި ނުވާނަމަ، އެއީ މި ސަރުކާރުގެ ސިޔާސީ ނުފޫޒު އޮތުން ކަމަށާއި، އެމަނިކުފާނު ހުވާކުރެއްވުމަށް ފަހު އެކަން ހުއްޓުވާނެ ކަމަށެވެ.
އަދި ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް ދާނީ ހަމަ ޤާނޫނީ އިމުގެ ތެރެއިން ކަމަށް ފިރުޒުލް ވެސް ވަނީ ތަކުރާރު ކުރައްވާފައެވެ.
ޔާމީން މިވަގުތު ގޭ ބަނދުގައި ހުންނެވި އިރު، އެމަނިކުފާނުގެ މައްޗަށް އައިސްފައިވާ ޖަލު ހުކުމުގެ އިސްތިއުނާފުގެ މައްސަލަ ހައިކޯޓުގައި ކުރިއަށް އެބަދެއެވެ. އެ މައްސަލަ ލަސްވަމުންދާތީ ޕްރޮގްރެސިވް ކޯލިޝަނުން ވަނީ އެއީ ސަރުކާރުގެ ނުފޫޒުން ކުރަމުންދާ ކަމެއް ކަމަށް ވިދާޅުވެފައެވެ.