Last Updated: November 28, 21:08
Thursday, November 28, 2024
ޚަބަރު

އޭސީސީން ހޯދަން އެންގީ ކުރީން ނުލިބިވާ ފައިސާ

ފެނަކަ އެމްޑީ މުހައްމަދު ސައީދު- ފޮޓޯ: ރައީސް އޮފީސް

ފެނަކަ ކޯޕަރޭޝަނާއި ގުޅޭ 75 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުޤީޤު ކުރަމުންދާއިރު، އަނބުރާ ހޯދުމަށް އަނގާފައިވާ 20 މިލިއަން ރުފިޔާ އަކީ ކުރީ ސަރުކާރުގައި ހިންގާފައިވާ މުޢާމަލާތްތަކާއި ގުޅޭ ފައިސާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ނެރުނު ނޫސް ބަޔާނުގައި ވަނީ އޭސީސީން ނެރެފައިވާ ބަޔާނާއި ގުޅިގެން ކުންފުނީގެ ފަރާތުން ހުރި ބައެއްކަންކަން ސާފުކޮށްދީފައެވެ. އެގޮތުން 75 މައްސަލައެއް ބަލަމުންދާއިރު މި މައްސަލަތަކަކީ 2012 ވަނަ އަހަރު ކުންފުނި ވަޖޫދު ވުމާއި ހަމައިން ފެށިގެން ހުރި މައްސަލަތައް ކަމަށް ފެނަކައިން ބުނެއެވެ.

މީގެ ތެރެއިން ޒިންމާވާ ފަރާތްތަކުގެ އަތުން ފެނަކައަށް އަނބުރާ ހޯދުމަށް އަނގާފައިވާ 20،504،491.54ރ. އަކީ، 2011 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާއި ހަމައަށް ކުންފުނިން ހިންގާފައިވާ 4 މުޢާމަލާތަކާއި ގުޅިގެން ހޯދުމަށް އަންގާފައިވާ ފައިސާ ކަމަށް އެކުންފުނިން ބުނެއެވެ. އަދި މި މުޢާމަލާތްތަކުގެ ތަފްސީލުވެސް ފެނަކައިން ވަނީ އާންމުކޮށްފައެވެ.

ފެނަކައިން ހޯދުމަށް އަންގާފައިވާ ފައިސާގެ ތަފްސީލު :

  1. ސަދަން ޔޫޓިލިޓީސްގެ ކުރީގެ ފިނޭންސް ޑިރެކްޓަރ ކިޔަވަން ދިއުމަށް، މެނޭޖިންގް ޑިރެކްޓަރުގެ ނުފޫޒު ބޭނުންކޮށްގެން ކުންފުނީގެ ބަޖެޓުން ދޫކޮށްފައިވާ 240،000ރ. އަނބުރާ ހޯދުމަށް
  2. އަމިއްލަ ކުންފުންޏަކާއި އެކު 2015 ވަނަ އަހަރު ކުރި މުޢަމާލަތަކަށް ޕްރޮކިއުމެންޓް ޕޮލިސީގެ ދަށުން އުނިކުރަން ޖެހޭ ޖޫރިމައިނާ އުނިނުކޮށް ފައިސާ ދީފައިވާތީ، އެއައްވާ 1،017،170.44ރ. އަނބުރާ ހޯދުމަށް.
  3. 2016 ގައި ކުންފުންޏަށް ބޭނުންވާ ޑޮލަރު ގަތުމަށް އަމިއްލަ ފަރާތްތަކާއި އެކު ކުރި މުޢަމަލާތުން ލިބެން ޖެހޭ 17،857،979.10 ލާރިއަށް ވާ ފައިސާ.
  4. 2017 ވަނަ އަހަރު ކުންފުނީގެ ބިލިންގް ސޮފްޓްވެއަރ ހޯދުމަށް އަމިއްލަ ކުންފުންޏަކާއި އެކު ކޮށްފައިވާ މުޢަމާލާތުން ގެއްލިފައިވާ 1،389،342.00ރ. އަނބުރާ ހޯދުމަށް.

ފެނަކަ ކޯޕަރޭޝަނުން ހިންގާފައިވާ 75 ކޮރަޕްޝަންގެ މައްސަލައެއް ބަލަމުންދާ ކަމަށް އޭސީސީން ބުނެފައިވާއިރު، އެކުންފުނީގެ ދަރަނި އިންތިހާއަށް ބޮޑުވެ ކުންފުނީގެ ސަޕްލަޔަރުންނަށް ލާރި ނުދެވޭ ހާލަތައް ކުންފުނި ވަނީ ގޮސްފައެވެ. އެގޮތުން ކުންފުނީގެ ދަރަނި 2.8 ބިލިއަނަށް އަރާއިރު، އެ ދަރަނި އަނބުރާ ދެއްކުމަށް އެކުންފުނިން 400 މިލިއަން ރުފިޔާގެ ލޯނެއް ވެސް ދާދި ފަހުން ވަނީ ނަގާފައެވެ.

ފެނަކައިން ބުނަނީ ކުންފުނީގެ ދަރަނި މީހާ ބޮޑުވެގެން ދިޔައީ ކުރީގެ ސަރުކާރުތަކުގައިވެސް ހިންގާފައިވާ ކަންކަމާއި އެކުގައި ހުރިހާ އެއްޗެއް އެކުވެގެން ކަމަށެވެ.