ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ އަމިއްލަ ދަނޑުގައި އޭސީ މިލާންގެ މައްޗަށް 3-0 އިން ޕީއެސްޖީން ކުރި ހޯދައިފި އެވެ.
މި މޮޅާއެކު ކުޅުނު ތިން މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ޕީއެސްޖީ އޮތީ ގްރޫޕް އެފްގެ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތް ބްރޫޝިއާ ޑޯޓްމަންޑް އަދި ތިންވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު ގްރޫޕްގެ ފުލުގައި ދެ ޕޮއިންޓާ އެކު އޮތީ މިލާނެވެ.
ޕީއެސްޖީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު އެޓީމަށް މެޗުގެ 32 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކިލިއަން އެމްބާޕޭ އެވެ. އެމްބާޕޭ މި ގޯލު ކާމިޔާބު ކުރީ މިލާންގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަދެ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. އެމްބާޕޭ ވަނީ މި ސީޒަނުގައި ޕީއެސްޖީ އަށް ކުޅެދިން 13 މެޗުގައި 13 ގޯލު ކާމިޔާބުކޮށްދީފަ އެވެ.
ދެވަނަ ހާފްގެ ކުރީކޮޅު ނަތީޖާ އެއްވަރުކޮށްލަން މިލާންގެ ކްރިސްޓިއަން ޕުލިސިޗަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއިރު މެޗުގެ 53 ވަނަ މިނެޓްގައި ކޯލޯ މުއާނީ ވަނީ ޕީއެސްޖީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. މި ގޯލަށްފަހު ވެސް ޕީއެސްޖީން މިލާންގެ ޑިފެންސްލައިނަށް ބާރުބޮޑު ކުރަމުންދިޔައިރު މެޗުގެ 89 ވަނަ މިނެޓްގައި ލޭ ކަންގް އިން ވަނީ ޕީއެސްޖީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދީފަ އެވެ.
މި ގްރޫޕްގައި ރޭ ބްރޫޝިއާ ޑޯޓްމަންޑުން ވަނީ 1-0 އިން ނިއުކާސަލްގެ މައްޗަށް ކުރި ހޯދާފަ އެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޑޯޓްމަންޑަށް މެޗުގެ 45 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފެލިކްސް ނެމްޗާ އެވެ.