އެމްޑީޕީން މިހާރު މަސައްކަތް ކުރަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމަށް ހުރަސްއެޅުމަށް ކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދި ޕާޓީން މި ގޮތަށް ބުނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް، ޑރ. މުއިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރައްވައި ފިނަމަ އެ ހުވާ ގަބޫލުނުކުރާނެ ކަމަަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން އިއްޔެ ބުނުމާ ގުޅިގެންނެވެ.
މުއިއްޒު ހުވާކުރައްވަން ހަމަޖެހިފައި ވަނީ އަންނަ މަހުގެ 17 ގަ އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވީ ނަޝީދު މަގާމުން ވަކިނުކޮށް މުއިއްޒު ހުވާ ކުރައްވައިފިނަމަ އެ ހުވާ ގަބޫލުނުކުރައްވާނެ ކަމަށާއި އަދި އެގޮތަށް ހުވާކުރެއްވުމަ ށްފަހު އެކުލަވާލާ ކެބިނެޓަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވުމުން ރުހުން ވެސް ނުދޭން އެމްޑީޕީން ނިންމާފައިވާ ކަމަށެވެ.
އެ ޕާޓީގެ މި ވާހަކަތަކާ ގުޅިގެން ޑިމޮކްރެޓްސް އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބީ ރައީސް އާއި އިންތިހާބީ ނައިބު ރައީސް ހުވާ ކުރެއްވުމުގެ ދަރުބާރަށް ހުރަސް އެޅުމަށް އެމްޑީޕީން މަސައްކަތް ކުރަނީ ރިޔާސީ އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އެންގެވުމަކަށް ކަމަށެވެ.
"އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ބައެއް މެންބަރުން ލައްވައި ކުރައްވަން އުޅުއްވާ ހުތުރު މަސައްކަތްޕުޅު ކުށްވެރިކޮށް ރައްޔިތުންގެ ނިންމުމަށާއި ގާނޫނުއަސާސީގެ ހުރުމަތަށާއި ޑިމޮކްރަސީގެ އަސާސްތަކަށާއި މަކާރިމުލް އަހުލާގުގެ ހަމަތަކަށް ރުޖޫއަވެ ވަޑައިގަތުމަށް އިލްތިމާސްކުރަން." އެ ޕާޓީން ބުންޏެވެ.
އެމްޑީޕީން ނިންމާފައި އޮތީ ނަޝީދު ވަކިކޮށްފައި ނޫނީ މަޖިލީހުގެ އެއްވެސް މަސައްކަތެއް ވެސް ކުރިއަށް ނުގެންދިއުމަށެވެ. އަދި ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކިކުރަން ތުރީލައިން ވިޕެއް ވެސް ނެރެފައިވެ އެވެ.