ގިނަ ބައެއްގެ ފާޑު ކިއުންތައް ވަރަށް ބޮޑަށް އަމާޒުވެ، ދުނިޔޭގެ ބައެއް ގައުމުތަކުން އެ ގައުމުތަކުގައި ދެއްކުން މަނާކޮށްފައިވާ ހޮލީވުޑްގެ ފިލްމް "ފިފްޓީ ޝޭޑްސް އޮފް ގްރޭ" އިންޑިއާގައި ވެސް ދެއްކުން މަނާކޮށްފި އެވެ.
އެ ފިލްމުގައި ހިމެނޭ ގައިގޯޅިކަން ބޮޑު މަންޒަރިތަކާއި ގިނަ އަދަދަކަށް ބޭއަދަބީ ބަސްތައް ހިމެނޭ ޑައިލޮގްތަކާ ގުޅިގެން "ފިފްޓީ ޝޭޑްސް އޮފް ގްރޭ" އިންޑިއާގައި ދެއްކުމުގެ ހުއްދަ ނުދޭން އެ ގައުމުގެ ސެންސަރު ބޯޑުން ވަނީ ނިންމައިފަ އެވެ.
ސެންޓްރަލް ބޯޑް އޮފް ފިލްމް ސެޓިފިކެޝޭން (ސީބީއެފްސީ) ގެ ޗީފް އެގްޒެކެޓިވް ޝްރަވަން ކުމާރު ވެސް ވަނީ އެކަން ކަށަވަރުކޮށް ދީފަ އެވެ.
އޭނާ ވިދާޅުވީ ސެންސަރު ބޯޑް ޕެނަލުން "ފިފްޓީ ޝޭޑްސް އޮފް ގްެރޭ" އިންޑިއާގައި ދެއްކުމުގެ ހުއްދަ ނުދޭން ނިންމާފައިވާ ކަމަށެވެ.
އެހެން ނަމަވެސް އެކަމާ ބެހޭ އިތުރު ތަފުސީލަކަށް ދާން ޝްރަވަން ވަނީ އިންކާރު ކުރައްވައިފަ އެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެ ފިލްމު ދެއްކުމުގެ ހުއްދަ ސެންސަރު ބޯޑުން ނުދިނުމުން، ފިލްމް އުފެއްދި ޔުނިވާސަލް ސްޓޫޑިއޯ އިން ވަނީ ފިލްމު ވަރަށް ބޮޑަށް އެޑިޓްކޮށްގެން ވެސް އެ ހުއްދަ ލިބޭތޯ މަސައްކަތްކޮށްފަ އެވެ.
އެކަމަކު އެވަރުން ވެސް އެ ހުއްދަ ދޭން ސެންސަރު ބޯޑުން ވަނީ ދެކޮޅު ހަދައިފަ އެވެ. ބައެއް ފަރާތްތަކުން ބުނާ ގޮތުގައި "ފިފްޓީ ޝޭޑްސް އޮފް ގްރޭ" އެޑިޓްކޮށްގެން ދެން އޭގައި އިތުރަށް ބަލާނެ އެއްޗެއް ނޯންނާނެ އެވެ.
"ފިފްޓީ ޝޭޑްސް އޮގް ގްރޭ" އަކީ ހަމަ އެ ނަމުގައި އިނގިރޭސިވިލާތުގެ ލިއުންތެރިޔާ އީއެލް ޖޭމްސް ލިޔެފައިވާ ވާހަކައިގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.
ސޭން ޓޭލާ ޖޯންސަން ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ދައްކުވައި ދެނީ ބިލިއަނަރު ކްރިސްޓިއަން ގްރޭ (ޖޭމީ ޑޯނަން) އާއި ކޮލެޖު ދަރިވަރެއް ކަމަށްވާ އެނެސްޓޭޝިއާ ސްޓީލް (ޑަކޯޓާ ޖޯންސަން) އާ ދެމެދު ހިނގާ "އާވިކަން ގަދަ" ގުޅުމެވެ.
މަސްހުނި ދީންތަކެއް އޮންނަ އަވަށްޓެރި އިންޑިއާގައި "ފިފްޓީ ޝޭޑްސް އޮފް ގްރޭ" ދެއްކުން މަނާ ކުރި އިރު، ސައްތަ ސައްތައިން އިސްލާމީ ގައުމެއް ކަމަށްވާ ރާއްޖޭގައި އެ ފިލްމުގެ އޭޝިއާ ވާޝަން މިދިޔަ މަހު ވަނީ ޕްރީމިއާކޮށްފަ އެވެ.
އެއީ ވަރަށް ބޮޑަަށް އެޑިޓްކޮށްގެންނެވެ.