Last Updated: November 28, 15:30
Thursday, November 28, 2024
ޚަބަރު

ސަޕްލިމެންޓަރީ ބަޖެޓް ފާހެއް ނުކުރެވޭނެ: އިލްޔާސް

ސަރުކާރުބް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް ސަޕްލިމެންޓަރީ ބަޖެޓް ފާސްނުކުރެވޭނެ ކަމަށް މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެ އެވެ.

އޭނަ ނިސްބަތްވާ ދަ ޑިމޮކްރެކްޓްސް އިން ރޭ ބޭއްވި ޖަލްސާގައި، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރެއްވި މެންބަރު ވިދާޅުވީ ޑިމޮކްރެޓްސްގެ މެންބަރުން ތިބެ، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި އޮތް 6.5 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓު، ފާސްކުރަން ފުރުސަތެއް ނުދޭނެ ކަމަށެވެ.

އިލްޔާސް ވިދާޅުވީ މި ސަރުކާރު އޮތީ ވައްކަމާއި ކޮރަޕްޝަނުން ހައްދުން ނައްޓާފައި ކަމަށާއި މަޖިލީހަށް ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅައި، ސަރުކާރުން އަދިވެސް މަސައްކަތް ކުރަނީ ދައުރު ހަމަވުމުގެ ކުރިން އިތުރަށް ދައުލަތް ދަރުވާލައި ފައިސާއިން ވައްކަން ކުރަން ކަަމަށެވެ.

"ސާޅީސް އަށް ބިލިއިންގައި އޮތް ދަރަނި މި ސަރުކާރު ނިމުނުއިރު 113 ބިލިއަނަށް އަރާފަ މިއޮތީ. މިއަދު އަނެއްކާ 6.5 ބިލިއަން ރުފިޔާ ބޭނުންވޭ އެ ބުނަނީ. ހަމައެކަނި މި ސަރުކާރުން އެ އޮތީ 75 ބިލިއަނަށް ދަރަނި އިތުރުކޮށްފައި،" އޭނަ ވިދާޅުވި އެވެ. "ދެން މި ބަޖެޓު ހުށަހަޅާފައި މި ވިދާޅުވީ ތެޔޮ އަގު ބޮޑުވަނީއޭ. އާސަންދައާ އެންސްޕާ އަށް ބޭނުންވަނީއޭ. އަޅުގަނޑުމެން މަޖިލީހުން ޖެހޭ މިކަން ހުއްޓުވަން."

އިލްޔާސް ވިދާޅުވި ގޮތުގައި މި ސަރުކާރުން ކުރަން އުޅޭ ކަމަކީ އިންތިހާބީ ރައީސް ޑރ. މުހައްމަދުގެ ސަރުކާރާ ހަވާލުވެވަޑައިގަންނަވާ އިރު، ސަރުކާރުގެ ދަރަނި އިތުރަށް ބޮޑުކުރަން ކަމަށެވެ.

"ސަޕްލިމެންޓްރީ ބަޖެޓަކުން އެ އުޅެނީ މި ސަރުކާރު ނިމިގެންދާ އިރު އިތުރު ހަ ބިލިއަނުން ދަރުވާފަ ދާން. ސަރުކާރުން އެ އުޅެނީ އާސަރުކާރު ނޭވާ ހޮޅިއަށް ވައްޓާލާފައި ފިލަން." އޭނަ ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވި ގޮތިގައި މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ގޮތުގައި ޑިމޮކްރެޓްސް ސަޕްލިމެންޓަރީ ބަޖެޓް ފާސްކުރަން ފުރުސަތު ނުދޭނެ ކަމަށެވެ.

"މި ކުރަނީ ސީދާ ވައްކަން. އުންމީދުކުރަން މިއަންނަ ސަރުކާރުން މިކަން ރަނގަޅަށް ބަލައިދޭނެ ކަމަށް. އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގަ ތިބެގެން މިކަން ބެލުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރާނަން،" އޭނަ ވިދާޅުވި އެވެ. "ވައްކަން ނުބަލައިފިއްޔާ މި ރާއްޖެއަކުން ވައްކަމާއި ކޮރަޕްޝަނެއް ނުހުއްޓުވޭނެ. ވައްކަން ކުރާ މީހުންނަށް ހައްގު އަދަބު ލިބެން ޖެހޭނެ." އިލްޔާސް ވިދާޅުވި އެވެ.

ސަޕްލިމެންޓަރީ ބަޖެޓާ އެކީ ދައުލަތުގެ މި އަގަރުގެ ބަޖެޓު 49.3 ބިލިއަން ރުފިޔާ އަށް އަރާނެ އެވެ.