ރާއްޖެ ވެސް ހިމެނޭ ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ އާ ސެކްރެޓަރީ ޖެނެރަލަކަށް ބަންގްލަދޭޝްގެ ގޯލަމް ސަރްވަރު އައްޔަންކޮށްފި އެވެ.
އޭނަ އެންމެ ފަހުން ހުންނެވީ ބަންގްލަދޭޝް އިން މެލޭޝިއާ އަށް ކަނޑައެޅި ސަފީރުކަމުގެ މަޤާމުގައެވެ. ގޯލަމް އަކީ ޑިޕްލޮމެޓިކް ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނަ ކުރިން އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި ބަންގްލަދޭޝް އިން އޮމާނާއި ސްވިޑަން އަށް ކަނޑައެޅި ސަފީރުގެ މަގާމު ހިމެނެ އެވެ.
ސާކްގެ ސެކްރެޓަރީ ޖެނެރަލްކަން ގޯލަމް އަށް ލިބިވަޑައިގަތުމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އޭނަ އަށް މަރުހަބާ ވިދާޅުވެފައިވެ އެވެ. މިނިސްޓަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ސާކްގެ މަގުސަދުތައް ޙާސިލުކުރުމަށްޓަކައި ގޯލަމްއާއި ގުޅިގެން ރާއްޖެ އިން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ގޯލަމް އަކީ ސާކްގެ 15 ވަނަ ސެކްރެޓަރީ ޖެނެރަލެވެ. އެ ޖަމިއްޔާގެ ސެކްރެޓަރީކަން ރާއްޖޭގެ ބޭފުޅުންތަކެއް ވެސް ކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި ކުރީގެ އެޓާނީ ޖެނެރަލް ދިޔާނާ ސައީދާއި މުހައްމަދު ސަލީމު ހިމެނިވޑައިގަނެ އެވެ.
ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ސްރީ ލަންކާގެ އެސާލާ ރުވަން ވީރަކޫން އެވެ.
ސާކް ވުޖޫދަށް އައީ 1985 ވަނަ އަހަރުގެ ތެރޭގަ އެވެ. އޭގެ މެންބަރު ގައުމުތަކަކީ 8 އެވެ. އެއީ ރާއްޖެ، އިންޑިއާ، ސްރީ ލަންކާ، ޕާކިސްތާން، ބަންގްލަދޭޝް، ނޭޕާލް، ބޫޓާން އަދި އަފްގާނިސްތާނެވެ.