ރާއްޖޭގައި މިހާރު އެންމެ ގިނަ ބަޔަކު ފައިސާގެ މުއާމަލާތްތަކަށް ކުރަން ބޭނުންކުރަނީ ކާޑު ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ) އިން ބުނެފި އެވެ.
އެތަނުން އެންމެ ފަހުން ނެރުނު ޕޭމެންޓު ބުލެޓިންގައިވާ ގޮތުން ރާއްޖޭގައި ހިންގާ ބޭންކުތަކުން ކަސްޓަމަރުންނަށް ދޫކޮށްފައިވާ ކާޑުތަކުގެ އަދަދު 1.2 މިލިއަނަށް އަރާ އެވެ. އަދި އޭގެ ތެރެއިން 64 ޕަސެންޓަކީ ޑެބިޓް ކާޑެވެ. މަރުކަޒީ ބޭންކުން ބުނީ
މިދިޔަ އަހަރުގެ ނިޔަލަށް ކާޑު ބޭނުންކޮށްގެން 45.7 މިލިއަން މުއާމަލާތްކޮށްފައިވާ ކަމަށެވެ. އެއީ ޖުމްލަ 17.9 ބިލިއަން ރުފިޔާގެ މުއާމަލާތެވެ.
މިއީ 2019 ވަނަ އަހަރުން ފެށިގެން ބަލާ ނަމަ ފައިސާގެ އަދަދުން 62 ޕަސެންޓް އިތުރުވުމެކެވެ. އެގޮތުން ކާޑުން ކޮށްފައިވާ މުއާމަލާތްތަކުގެ 68 ޕަސެންޓް ކޮށްފައި ވަނީ ޕީއޯއެސް މެދުވެރިކޮށެވެ.
އެންމެ ގިނަ ބަޔަކުމުއާމަލާތް ކުރަން ބޭނުންކުރަނީ ޑެބިޓު ކާޑެވެ. އެގޮތުން 2022 ގެ ނިޔަލަށް ބޭންކުތަކުން ވަނީ 750،000 ޑެބިޓް ކާޑު ދޫކޮށްފައިވެ އެވެ. އެ ކާޑު ބޭނުންކޮށްގެން 43.5 މިލިއަން މުއާމަލާތްކޮށްފައިވާ އިރު އެއީ 16.8 ބިލިއަން ރުފިޔާގެ މުއާމަލާތެވެ.
އެމްއެމްއޭ އިން 2019-2022 އަށް ރާއްޖޭގެ އިގުތިސާދު ދައުރުވާ ނަގުދު ފައިސާގެ މިންވަރު 4 ޕަސެންޓަށް އިތުރުވެ، 3.7 ބިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށެވެ.