Last Updated: November 29, 17:15
Friday, November 29, 2024
ޚަބަރު

ފަލަސްތީނު ފަންޑަށް 24 މިލިއަން ރުފިޔާ

އައްޑޫގައި ބެހެއްޓި ފަންޑް ފޮއްޓެއް. ފޮޓޯ/ ކޮޒްމިކް ކެޕްޗާސް

ފަލަސްތީނގެ ރައްޔިތުންނަށް އެހީވާން ހުޅުވާފައިވާ ފަންޑަށް މިހާތަނަށް 24 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިން ބުނެފި އެވެ.

އެ ޖަމާއަތުން ބުނީ މި މަހުގެ ކުރީކޮޅު ފަންޑް ހުޅިވި ފަހުން އިއްޔެގެ ނިޔަލަށް ޖުމްލަ 24،187،531.97ރ. ލިބިފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ރުފިޔާގެ ގޮތުގައި ލިބުނު 23،987،108ރ. އާއި 13،023 ޑޮލަރު (200،423.97ރ.) އެވެ.

ދިވެހިންހެ ފަރާތުން ލިބެމުން އަންނަ އެހީތަކަށްޓަކައި އައިއޭސީން ޝުކުރު އަދާކޮށް އެހީވުމުގައި ދެމިތިބުމަށް ވެސް އެދިފައިވެ އެވެ. ފަންޑަށް ލިބޭ ފައިސާ އިން އަންނަނީ ފަލަސްތީނުގެ ރައްޔިތުންނަށް މި ވަގުތު ބޭނުންވާ އަސާސީ އެކިއެކި ތަކެތި ފޯރުކޮށް ދޭން ބޭނުން ކުރަމުންނެވެ. މީގެ އިތުރުން އާއިލާތަކަށް ފައިސާ ބެހުމުގެ މަސައްކަތް ވެސް އައިއޭސީން ކުރެ އެވެ.

ފަލަސްތީނަށް އެހީވާން ރާއްޖޭގެ އެކި ހިސާބުތަކުގައި އެކި ފެންވަރުގައި އަންނަނީ ފަންޑް ރެއިޒިން ހަރަކާތްތައް ހިންގަމުންނެވެ.

މި މަހުގެ 7 އިން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް 8،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.