ފަލަސްތީނަކީ ދިވެހިންގެ ލެ އާއި ހިތުގެ ވިންދާ ގުޅިފައިވާ މައްސަލައެއް ކަމަށާއި އެތަން މިނިވަން ނުވާހާ ހިނދަކު އެކަމުގެ ދެރަ ނިކަމެތިކަން އިހްސާސް ކުރަން ޖެހޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީ އާއި ފުވައްމުލައް ސިޓީކައުންސިލް ގުޅިގެން ބޭއްވި "ފަލަސްޠީން ފޯރަމް" ގައި މިނިސްޓަރު ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންގެ ކެކުޅުމާއި ތަކުލީފުތައް ތަޙައްމަލް ކުރަން ޖެހޭނީ ހަމައެކަނި އެ ޤައުމުގައި ދިރިއުޅޭ ރައްޔިތުން އެކަނި ނޫން ކަމަށާއި އެއީ މުޅި އިސްލާމީ އުންމަތަށް އެ ވޭނާއި ކެކުޅުން އިޙްސާސްވާން ޖެހޭ ކަމަށެވެ.
"ފަލަސްޠީނުގެ މައްސަލައަކީ އަޅުގަނޑުމެންގެ ލެއާއި ހިތުގެ ވިންދާ ގުޅިފައިވާ މައްސަލައެއް.އެތަން މިނިވަން ނުވާހާ ހިނދަކު އަޅުގަނޑުމެން އަބަދުވެސް އެކަމުގެ ދެރަ ނިކަމެތިކަން އިހްސާސް ކުރަންޖެހޭނެ،" މިނިސްޓަރު ވިދާޅުވި އެވެ. "ފަލަސްޠީނުގެ ރައްޔިތުން އެ ވޭނާއި ކެކުޅުމުގައި ދިރިއުޅެމުންދާތާ 70 އެތައް އަހަރެއްވެއް. އަދި މިހާރު ލިބެމުންދާ އަނިޔާތައް އެތައް ގުނައެެއް ބޮޑުވެފައިވޭ."
މިނިސްޓަރު ވިދާޅުވީ އިޒްރޭލުގެ ލާއިންސާނީ އަނިޔާވެރިކަމާ ހެދި އެ ރައްޔިތުންނަށް ޖެހިފައި އޮތް ހާލަކީ ނިދައިފި ނަމަ ހޭލެވޭނެކަމުގެ ޔަގީންކަން ވެސް ނެތުން ކަމަށެވެ. އަދި ގެއިން ބޭރަށް ނުކުމެއްޖެނަމަ ބޮން އަޅައި މަރާ ނުލާނެކަމުގެ އެއްވެސް ޔަޤީންކަމެއް އެ ޤައުމުގެ ރައްޔިތުންނަށް ނެތް ކަމަށް ވިދާޅުވި އެވެ.
"އެއްްވެސް ރަޙުމެއް ނެތި ޔަހޫދީން އެދަނީ އެތަކެއް އަހަރުތަކެއް ވަންދެން މި ލާއިންސާނީ ޢަމަލުތައް ހިންގަމުންދާ އިރު އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ މީހުން ތިބީ މިއަދު ލޯ މަރާލައިގެން ބީރުކަންފަތެއް ދީގެން." މިނިސްޓަރ ވިދާޅުވި އެވެ.
އެހެންވެ ފަލަސްޠީނުގެ ރައްޔިތުން މިއަދު އެދެނީ އެ މީހުންނަށް ހެޔޮ ދުޢާކޮށް ދޭނެ އަދި އެ މީހުންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ ފަރާތެއްކަމަށް ވިދާޅުވިއެވެ.
އެހެންކަމުން ފަލަސްޠީނުގެ ރައްޔިތުންނަށް ވެވެން އޮތް އެހީއެއްވެދީ، ހެޔޮ ދުޢާކުރުމަކީ މުސްލިމުންގެ މައްޗަށް ވާޖިބެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އަދި އަޅުގަނޑުމެންގެ އަޑު އުފުލައި، ފަލަސްޠީނާ އެކު ތިބިކަން ހާމަކޮށް ދިނުމަކީ މުޅި ދުނިޔެއަށް ވެސް ދެވޭ ވަރަށް މުހިންމު މެސެޖެއް."
"ފަލަސްތީނު ފޯރަމް" އަކީ ޒިކުރާ އިންޓަނޭޝަނަލް ކޮލެޖާއި އިސްރާ އެސޯސިއޭޝަން އަދި ގާޑިއަން އެސޯސިއޭޝަންގެ އެހީތެރިކަމާ އެކީ ބޭއްވި ފޯރަމެކެވެ.
އިޒްރޭލުން މި މަހުގެ 7 އިން ފެށިގެން ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 8،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.