ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯގެ މިއަހަރު ތިންވަނަ ކުއާޓާގެ ސާފު ފައިދާއަށް، 271 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.
އެސްޓީއޯގެ ތިންވަނަ ކުއާޓާގެ ތަފާސް ހިސާބުތައް މިހާރު އާންމުކޮށްފައިވާއިރު، މި ކުއާޓާގައި ކުންފުންޏަށް 4.1 ބިލިއަން ރުފިޔާގެ އާމްދަނާއެއް ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރު 3 ވަނަ ކުއާޓާއާއި އަޅާ ބަލާއިރު ދަށްވުމެކެވެ. މިދިޔަ އަހަރު 3 ވަނަ ކުއާޓާގައި ލިބިފައިވަނީ 4.6 ބިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މިދިޔަ އަހަރާއި އަޅާބަލައި ދައްވި ނަމަވެސް، މިއަހަރުގެ ދެވަނަ ކުއާޓާއާއި އަޅައިބަލާއިރު ކުންފުނީގެ އާމްދަނީ ވަނީ 9 އިންސައްތަ އިތުރުވެފައެވެ.
ކުންފުނީގެ އާމްދަނީ އިތުރުވެފައި ވީނަމަވެސް، ޖުމްލަ ފައިދާގެ ގޮތުގައި ތިންވަނަ ކުއާޓާގައި ލިބިފައިވަނީ 760 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓާއާއި އަޅާބަލައި 5 އިންސައްތައިގެ ދަށްވުމެކެވެ. މީގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިކުއާޓާރގައި މަތިވިކަމުގައިވީ ނަމަވެސް އެސްޓީއޯއިން ވިއްކަމުން ދިޔަ ތެލުގެ އަގު އެނިސްބަތުން ބަދަލު ގެނެސްފައިނުވުމާއެކު، އެސްޓީއޯގެ ޖުމްލަ ފައިދާ ދަށްވުމެވެ. ކުންފުނީގެ ޖުމްލަ ފައިދާ ދަށްވުމާއިއެކު ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 390 މިލިއަން ރުފިޔާ ލިބިފައެވެ.
We’ve published our 2023 3rd Quarter Report. Full report at: https://t.co/ULiI1FuXE7 pic.twitter.com/MXOc1HJ5k7
— STO (@stoplc) October 29, 2023
ޓެކުހަށް ކެނޑުމަށް ފަހު އެސްޓީއޯގެ ސާފު ފައިދާއަކީ، 271 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރު 3 ވަނަ ކުއާޓާއާއި އަޅައިބަލާއިރު 60 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރު މި ކުއާޓާގައި ލިބިފައިވަނީ 168 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރަށްވުރެ ސާފު ފައިދާ އިތުރުވިނަމަވެސް، އަހަރުގެ ދެވަނަ ކުއާޓާއާއި އަޅާބަލައި ފައިދާ ވަނީ 10 އިންސައްތަ ދައްވެފައެވެ.
އެސްޓީއޯއިން ބުނި ގޮތުގައި މިއަހަރު ތިން ކުއާޓާ ހިމެނޭހެން ޖުމްލަ ސާފު ފައިދާ އަކީ، 942 މިލިއަން ރުފިޔާއެވެ. އެއީ ފުރަތަމަ ކުއާޓާގެ 368 މިލިއަން ރުފިޔއާއާއި، ދެވަނަ ކުއާޓާގައި 303 މިލިއަން ރިފިޔާއެވެ. މިކުއާޓާގައި ލިބިފައިވަނީީ 271 މިލިއަން ރުފިޔާއެވެ.
ސަރުކާރު ވިޔަފާރި ކުންފުނިން ފާހަގަ ކުރި ގޮތުގައި، މިއީ މިދިޔަ އަހަރުގެ ފުރަތަމަ ތިން ކުއާޓާއާއި ބަލާއިރު އިތުރުވުމެކެވެ.