Last Updated: November 28, 17:45
Thursday, November 28, 2024
ޚަބަރު

އަންނަ އަހަރަށް 49.5 ބިލިއަން ރުފިޔާގެ ބަޖެޓެއް

މިނިސްޓަރު އިބްރާހިމް އަމީރު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަންނަ އަހަރަށް ދައުލަތަށް ލަފާ ކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އަންނަ އަހަރަށް ދައުލަތަށް ލަފާ ކުރަނީ 49.5 ބިލިއަން ރުފިޔާ ބެޖެޓެއް ކަމަށެވެ. ބަޖެޓް ހުށަހެޅުމަށް ފަހު ފިނޭންސް މިނިސްޓްރީން ވަނީ ބަޖެޓު ބަޔާނާއި އަދި ތަފްސީލުތައް އާންމު ކުރާނެކަމަށް ބުނެފައެވެ.

މި ބަޖެޓް މަޖިލީހަށް ހުށަހަޅާފައިވީ ނަމަވެސް، ބަޖެޓު ހުށަހެޅުމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ނުދިއުމަށް ވަނީ ނިންމާފައެވެ. އެއީ ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންގޮސް މަޖިލީހުގެ އެހެން މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށް އޭޖީއިން ލަފާދީފައިވާތީ ކަމަށް ސަރުކާރުން ބުނެއެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ބަޖެޓު ހުށަހަޅާފައިވާއިރު، މިއަދު މަޖިލީހުގައި ބަޖެޓުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ އެޖެންޑާ ކޮށްފައެވެ. މީގެ އިތުރުން މިއަހަރުގެ ބާކީ ބަޔައް ބަޖެޓަށް އިތުރު ކުރާ ސަޕްލިމެންޓަރީ ބަޖެޓުވެސް ހުށަހެޅުމަށް މި ޖަލްސާގައި ވަނީ އެޖެންޑާ ކޮށްފައެވެ. ނަމަވެސް، ރައީސް ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންގޮސް އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، އެމްޑީޕީ މެންބަރު ވަނީ މަޖިލީސް ހުއްޓުވާފައެވެ.

މިއަހަރަށް ގާތްގަނޑަކަށް 50 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅަން ގަސްތުކޮށްފައިވާ ކަމަށް މީގެ ކުރިން ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މިއީ މިހާތަނަށް ހުށަހަޅާ އެންމެ ބޮޑު ބަޖެޓު ކަމަށްވާއިރު، މި ބަޖެޓާއި ގުޅޭ ގޮތުން އިންތިޤާލީ ކޮމެޓީތަކާއެކުވެސް މަސައްކަތް ކުރެވިފައިވާ ކަމަށް އިންތިހާބީ ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.

މިހާތަނަށް ޖުމްލަ ބަޖެޓު އާންމުކޮށްފައިވީނަމަވެސް ބަޖެޓުގައި ހިމެނޭ ކަންކަން ފިނޭންސް މިނިސްޓްރީން އަދި އާންމުކޮށްފައި ނުވެއެވެ. މިދިޔަ އަހަރު ފާސްކޮށްފައިވަނީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ސަރުކާރުގެ ޙަރަދުތައް ފޫބެއްދުމަށް އިތުރު 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ވަނީ ހުށަހަޅާފައެވެ. މިއާއެކު މިއަހަރުގެ ބަޖެޓު 49.3 ބިލިއަން ރުފިޔާއަށް އަރާނެއެވެ.