ވަރުން ދަވަން އާއި ޝްރަދާ ކަޕޫރް ލީޑް ރޯލް ކުޅޭ އެނީބަޑީ ކޭން ޑާންސް (އޭބީސީޑީ 2) ގެ ޝޫޓިން ނިންމާލައިފި އެވެ.
މި ފިލްމަކީ 2011 ވަނަ އަހަރު މަޝްހޫރު ކޮރިއޮގްރާފަރު ރެމޯ ޑި ސޫޒާ ގެނެސް ދިން ޑާންސް ފިލްމް "އޭބީސީޑީ" ގެ ސީކްއެލްއެކެވެ.
މި ފަހަރުގެ ފިލްމުގައި ވެސް ޒުވާން ދެ ތަރިން ކަަމަށްވާ ވަރުން އާއި ޝްރަދާގެ އިތުރުން ވަރަށް ގިނަ ޑާންސަރުން ފެނިގެން ދާނެ އެވެ. އަދި ކުރީ ފިލްމާ އެއްގޮތަށް "އޭބީސީޑީ 2" ގެ މުހިއްމު ރޯލަކުން ކޮރިއޮގްރާފަރު/ޑައިރެކްޓަރު ޕްރަބޫ ދޭވާ ފެނިގެން ދާނެ އެވެ.
އަދި ހަމަ މިއާ އެކު ރެމޯ ވެސް މި ފިލްމުން މި ފަހަރު ފެނިގެން ދާނެ އެވެ.
"އޭބީސީޑީ 2" ގެ މަންޒަރުތައް ނަގާފައި ވަނީ މުމްބާއީގެ އިތުރުން އެމެރިކާގެ ލަސް ވެގަަސްގަ އެވެ.
ފިލްމުގެ ޝޫޓިން ނިމުމާ އެކު ބަތަލާ ޝްރަދާ ވަނީ ޓްވީޓް ވެސްކޮށްފަ އެވެ. އޭނާ ބުނީ އެ ފިލްމުގެ ޝޫޓިން އެއްކޮށް ނިމިފައިވާތީ ފިލްމުގެ ކްރޫ ވަރަށް މިސްވާނެ ކަމަށެވެ. އަދި ފިލްމުގެ އެންމެ ފަހު ޝޫޓިން އޮތް ދުވަހަކީ ވަރަށް ދެރަވި ދުވަހެއް ކަމަށް ވެސް ޝްރަދާ ބުންޏެވެ.
އެހެން ނަމަވެސް އޭނާ ވަނީ އެ ފިލްމަށް ހުރިހާ ގޮތަކުން އެހީތެރިވެ ދިން ހުރިހާ ފަރާތްތަކަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.
ވަރުން ވެސް ބުނީ މިހާތަނަށް އެންމެ މަޖާކޮށް ކުރިއަށް ދިޔަ އޭނާގެ ޝޫޓިންއަކީ "އޭބީސީޑީ 2" ގެ ޝޫޓިން ކަމަށެވެ. އަދި ލަސް ވެގަސްގައި ހޭދަ ކުރި ދުވަސްތައް އަބަދު ވެސް ހަނދާން ހުންނާނެ ކަމަށް އޭނާ ބުންޏެވެ.
"އޭބީސީޑީ" ފްރެންޗައިޒަކީ 3ޑީ ފޯމެޓްގައި ގެނެސްދޭ ފިލްމެކެވެ. "އޭބީސީޑީ 2" ސިނަމާއަށް އަންނާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.