ކޯޕަރޭޓް ރެޖިސްޓަރސް ފޯރަމް 2023 ގެ އިނޮވޭޝަން އެވޯޑު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ހާސިލްކޮށްފިއެވެ.
މިއަހަރު ބާއްވާ 18 ވަނަ ސީއާރްއެފް ފޯރަމް އޮތީ މަލްޓާގައެވެ. މި ފޯރަމުގައި ރާއްޖޭގެ ފަރާތުން ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ބައިވެރިވެވަޑައިގެންނެވިއެވެ. މިއަހަރުގެ ފޯރަމުގެ ރާއްޖެއަށް ވަނީ އިނޮވޭޝަން އެވޯޑު – ކޮމެންޑޭޝަން ހާސިލްކޮށްފައެވެ. މިއީ ރާއްޖޭގެ ވިޔަފާރި ކުންފުނިތަކުގެ ކޯޕަރޭޓް ޕްރޮފައިލް ތައްޔާރުކޮށް ވެރިފައި ކުރުމުގެ ޙިދުމަތާއި ގުޅުވައި މިނިސްޓްރީއަށް ލިބިފައިވާ އެވޯޑެކެވެ.
Our multidisciplinary team crafted a solution for stakeholders by introducing the "Corporate Profile & Verification Service."
— Economy & Trade (@MoEDmv) October 31, 2023
ވިޔަފާރިތަކުގެ ޕްރޮފައިލް ޝީޓް ބިޒްނަސް ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ލިބޭ ގޮތް ހަދާފައިވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުއެވެ. އެގޮތުން ވިޔަފާރި ޕްރޮފައިލް ޝީޓް ޖެނެރޭޓްކޮށް އެހެން ފަރާތްތަކާއި ހިއްސާ ކުރެވޭއިރު، އެ ފަރާތްތަކަށް މި ޝީޓުތަކުގެ މައުލޫމާތު ސައްޙަތޯވެސް ފަސޭހައި ބަލާލެވޭނެ އިންތިޒާމު މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.
ސީއާރްއެފްއަކީ ބައިނަލްއަގްވާމީ ކޯޕަރޭޓް ރެޖިސްޓްރީތައް އެކުލެވިގެންވާ ޖަމިއްޔާއެކެވެ. ސީއާރްއެފްގެ މެމްބަރުންނަށްވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރެޖިސްޓްރީތައް ބަލަހަށްޓާ ސަރުކާރުގެ އިދާރާތަކަށާއި އެ އިދާރާތަކުގެ މުއައްޒަފުންނަށެވެ. މިއީ ވިޔަފާރި ރެޖިސްޓްރީތައް ކުރިއަރުވައި ވިޔަފާރިތަކަށް ފަސޭހަކަމާއިއެކު ހިދުމަތްތައް ދެވޭނެ ގޮތްތައް ދެނެގަނެ ހިއްސާކުރުމަށް ކުރިއަށްގެންދާ ފޯރަމެކެވެ. މި ފޯރަމް މިދިޔަ އަހަރު ބޭއްވީ ރާއްޖޭގައެވެ.